އީރާނުގެ ވެރިކަމަށް އަހުމަދީ ނީޖާދު ގެނައުމަށް އެމެރިކާއާއި އިސްރާއީލުން ރޭވިކަން ހާމަވެއްޖެ

އީރާނުގެ މިހާރުގެ ނިޒާމު ވައްޓާލުމަށްފަހު، އެ ގައުމުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީ ނީޖާދު ވެރިކަމަށް އިސްކުރުމަށް އެމެރިކާއާއި އިސްރާއީލުން ސިއްރު ރޭވުންތަކެއް ރޭވިކަން ނިއުޔޯކް ޓައިމްސް ނޫހުން ހާމަކޮށްފިއެވެ. މި ރޭވުމަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައަށްފަހު، އީރާނުގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނައުމަށް އެކުލަވާލި މަޝްރޫއެއްގެ ބައެކެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، މި ރޭވުމުގެ މައިގަނޑު މަގްސަދަކީ އީރާނުގެ މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ހަމަލާދީ، އީރާނުގެ ރޫހީ މުރްޝިދު އަލީ ޚާމަނާއީ އާއި އަސްކަރީ އިސްވެރިން އަވަހާރަކޮށްލުމަށްފަހު ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމައިގެ ކުރީކޮޅު ދެއްވި ބައެއް އިޝާރާތްތަކުގައި، އީރާނުގެ ވެރިކަމާ ހަވާލުވާންޖެހޭނީ "އެތެރޭގެ ބޭފުޅެއް" ކަމަށް ވިދާޅުވެފައިވެއެވެ. އެ ބޭފުޅަކީ 2005 އިން 2013 އަށް އީރާނުގެ ރައީސްކަން ކުރެއްވި އަހުމަދީ ނީޖާދު ކަމަށް އެމެރިކާގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހު ތެހެރާނުގައި ހުންނަ އަހުމަދީ ނީޖާދުގެ ގެކޮޅަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހަމަލާދީފައިވަނީ އޭނާ ހުންނެވި ގޭބަންދުން "މިނިވަންކުރުމަށް" ކަމަށް މަސްއޫލުވެރިން ބުނެއެވެ. މި ހަމަލާގައި ނެޖާދުގެ ގެކޮޅު އެއްކޮށް ސުންނާފަތި ނުވި ނަމަވެސް، އޭނާ ބެލެހެއްޓުމަށް ތިބި ރިވޮލިއުޝަނަރީ ގާޑުންގެ ސެކިއުރިޓީ ޕޯސްޓަކަށް އަމާޒުވެ، ބައެއް ސިފައިން މަރުވެފައިވެއެވެ. މި ހަމަލާގައި ނީޖާދަށް އަނިޔާވި ނަމަވެސް އޭނާ ސަލާމަތްވި ކަމަށާއި، ނަމަވެސް އޭގެ ފަހުން އޭނާ އުޅޭ ތަނެއް އަދި ސިއްހީ ހާލަތެއް އެނގިފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން ގަބޫލުކުރި ގޮތުގައި، ފަހަކަށް އައިސް އީރާނުގެ މިހާރުގެ ނިޒާމާ އަހުމަދީ ނީޖާދާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އޭނާއަކީ ހުޅަނގާއެކު މުއާމަލާތްކުރަން ފަސޭހަ ލީޑަރަކަށް ވާނެއެވެ. އިސްރާއީލުގެ ރޭވުމަކީ ބާރުގަދަ ވައިގެ ހަމަލާތަކަކަށްފަހު، ގައުމުގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި، ކުރުދީން ފަދަ ޖަމާއަތްތައް ނެރެ ސަރުކާރު ވައްޓާލުމެވެ.

ނަމަވެސް، އީރާނުގެ ރައްޔިތުންނާއި ސަރުކާރުން ވަނީ ބޮޑެތި ގެއްލުންތަކާއެކުވެސް ސާބިތުކަމާއެކު ދެމިއޮވެ، މި ރޭވުންތައް ނާކާމިޔާބުކޮށްލާފައެވެ. އެމެރިކާއާއި އިސްރާއީލުން އުންމީދުކުރި ފަދަ އަވަސް ނާކާމިޔާބީއެއް އީރާނުގެ ދައުލަތަށް ކުރިމަތިވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!