އީރާނާއެކު ޕާކިސްތާނުން ގާއިމުކުރާ އާ ޓްރާންސިޓް މަގުތަކުގެ ސަބަބުން ބަލޮޗިސްތާނުގެ މަސްރަހު އިތުރަށް ގޯސްވަނީ

ޕާކިސްތާނުން އީރާނަށް މުދާ އުފުލުމަށްޓަކައި އެއްގަމު މަގުން 6 މަގެއް ރަސްމީކޮށް ހުޅުވާލުމަށް ނިންމި ނިންމުމަކީ ހަމައެކަނި ވިޔަފާރީގެ ފަންނީ ނިންމުމެއްގެ ގޮތުގައި އިސްލާމްއާބާދުން ސިފަކުރި ނަމަވެސް، މިއީ ބަލޮޗިސްތާނުގެ ސަރަހައްދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ޖިއޮޕޮލިޓިކަލް ނިންމުމެއް ކަމަށް ދިރާސާވެރިން ބުނަން ފަށައިފިއެވެ.

"ޓްރާންސިޓް އޮފް ގުޑްސް ތުރޫ ޓެރިޓަރީ އޮފް ޕާކިސްތާން ބޑަރ 2026″ ގެ ދަށުން، ކަރާޗީ، ޕޯޓް ގާސިމް އަދި ގްވާދަރު ބަނދަރުން އީރާނަށް މުދާ އުފުލުމުގެ ފުރުސަތު ތިންވަނަ ގައުމުތަކަށް ލިބިގެންދާނެއެވެ. މި މަގުތައް ގާއިމުކުރަނީ ބަލޮޗިސްތާނުގެ ގަބްދު އަދި ތަފްތާން ބޯޑަރު ހުރަސްކޮށެވެ. ސަރަހައްދީ ނުތަނަވަސްކަމާ ހެދި ކަނޑުގެ މަގުތަކަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ އީރާނަށް ބޭނުންވާ މުދާ އުފުލާނެ މައިގަނޑު އެއްގަމު ކޮރިޑޯއަކަށް ވުމަށެވެ.

މި މަޝްރޫއުގެ ދަށުން ބޭނުންކުރާ ހުރިހާ މައިގަނޑު މަގުތަކެއް ހިނގަނީ ބަލޮޗިސްތާނުގެ ތެރެއިންނެވެ. ނަމަވެސް، ބަލޮޗިސްތާނުގެ ރައްޔިތުން ދެކޭގޮތުގައި ޕާކިސްތާނު ސަރުކާރުން އެ ސަރަހައްދަކީ އެތަނުގެ އަހުލުވެރިންގެ ވަޒަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ބޭނުންކުރަނީ ހަމައެކަނި އިސްތިރާތީޖީ މުދަލެއްގެ ގޮތުގައެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުވެ، ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ސަރަހައްދީ ވިޔަފާރީގެ މުސްތަގުބަލުގެ ގޮތުގައި އިސްލާމްއާބާދުން އިޝްތިހާރުކުރާ ގްވާދަރު ބަނދަރަކީ، ބަލޮޗިސްތާނުގެ ރައްޔިތުންނަށް ބޭރުކުރެވިފައިވާ ތަނެއްގެ ގޮތުގައި ވަނީ ސިފަވެފައެވެ. ގިނަ އަދަދެއްގެ ޗެކްޕޯސްޓްތަކާއި، ވަނުން މަނާ ސަރަހައްދުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް ނާންނައިރު، އާ މަގުތަކުގެ ސަބަބުން އެ ސަރަހައްދުގެ ޖިއޮޕޮލިޓިކަލް އަގު އުފުލުނަސް، ރައްޔިތުންގެ ފުދުންތެރިކަމަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ބެލެވެއެވެ.

މި މަގުތައް ހުރީ ހަނގުރާމަވެރި ހަރަކާތްތަކާއި، މީހުން ގެއްލުވައިލުމާއި، އަސްކަރީ ބާރުވެރިކަން ބޮޑު ސަރަހައްދުތަކުގައެވެ. ޕާކިސްތާނުން މި މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރި ނަމަވެސް، މަޖުބޫރުން ގާއިމުކުރާ ސަލާމަތީ ނިޒާމަކުން ރައްޔިތުންގެ އިތުބާރު ނުލިބޭނެ ކަމަށް މުހައްލިލުން ބުނެއެވެ. މީގެ އިތުރުން، ބަލޮޗިސްތާނުގެ ގުދުރަތީ ވަސީލަތްތަކާއި ސީޕެކް ފަދަ މަޝްރޫއުތަކުން މީގެ ކުރިންވެސް ރައްޔިތުންނަށް ފައިދާއެއް ވެފައި ނުވާތީ، އާ މަގުތަކުންވެސް ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ޚާއްސަކޮށް، ޕާކިސްތާނާއި އީރާނު ބޯޑަރުގައި އާންމު ރައްޔިތުން ކުރަމުންދާ ކުދިކުދި ތެލުގެ ވިޔަފާރި ފަދަ އާމްދަނީ ހޯދާ މަގުތައް ބަންދުކޮށް، ބޮޑެތި ކުންފުނިތަކަށް މަގު ހުޅުވާލުމަކީ ދައުލަތާއި ރައްޔިތުންނާ ދެމެދު އޮތް ރޫޅުން އިތުރަށް ބޮޑުވާނެ ކަމެކެވެ. ޕާކިސްތާނުގެ މި އުންމީދުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަލޮޗިސްތާނުގެ ރައްޔިތުންނާއެކު އޮތް ނުތަނަވަސް ސިޔާސީ ގުޅުން ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!