އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ނާރެހަކީ ތައިވާން ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ބާއްވާ އެއްވެސް ސަމިޓަކުން ނުވަތަ ޑިޕްލޮމެޓިކް މަސައްކަތަކުން މި ގުޅުމުގެ ތެރޭގައި ހުރި ނުރައްކާތައް ނައްތާނުލެވޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެއްވި އިންޒާރުގައި، ތައިވާންގެ މައްސަލައިގައި ގޯސް ފިޔަވަޅެއް އެޅިއްޖެނަމަ ކުރިމަތިލުންތަކަކަށް މަގުފަހިވެދާނެ ކަމަށް ވިދާޅުވުމަކީ އާ ބިރުދެއްކުމެއްގެ ބަދަލުގައި، ދުވަސްވީ ހަގީގަތެއް ހާމަކޮށްދޭ ކަމެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ "ވަން ޗައިނާ" ސިޔާސަތަކީ ގަސްތުގައި އޮޅުންބޮޅުންތަކެއް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެކެވެ. އެމެރިކާއިން ޗައިނާގެ ބަހަށް އިހުތިރާމް ކުރި ނަމަވެސް، ތައިވާނާ އެކު ރަސްމީ ނޫން ގުޅުންތައް ދަމަހައްޓަނީ "ތައިވާން ރިލޭޝަންސް އެކްޓް" އާއި "ސިކްސް އެޝުއަރެންސަސް" ގެ ދަށުންނެވެ. މި ނުސީދާ ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅުވުމުގެ ބަދަލުގައި، ތައިވާނަކީ ދާއިމީގޮތެއްގައި ދެ ގައުމުގެ ދެމެދުގައި އޮތް ބޮޑު ފިއްތުމަކަށް ވަނީ ވެފައެވެ.
އެމެރިކާ ކޮންގްރެސްއަށް އެކުލަވާލި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ތައިވާނަކީ 4 މައިގަނޑު ސަބަބަކަށްޓަކައި މުހިންމު ސަރަހައްދެކެވެ. ފުރަތަމަ ސަބަބަކީ ޖިއޯސްޓްރެޓީޖިކް ގޮތުން ތައިވާން އޮންނަ މަގާމެވެ. ދެވަނަ ސަބަބަކީ ދުނިޔޭގެ ސެމީކޮންޑަކްޓަރ ނުވަތަ ޗިޕް އުފެއްދުމުގެ ސިނާއަތުގައި ތައިވާނުން އަދާކުރާ މުހިންމު ދައުރެވެ. ތިންވަނަ ސަބަބަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސީ ބާރުވެރިކަން ތައިވާން އަނބުރާ ހޯދުމާ ގުޅިފައި އޮތުމެވެ. އަދި ހަތަރުވަނަ ސަބަބަކީ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ އެކުވެރި ގައުމުތަކަށް އެމެރިކާއިން ވެފައިވާ އިތުބާރު، ތައިވާންގެ މައްސަލައިގައި އެމެރިކާ އަމަލުކުރާ ގޮތުގެ މައްޗަށް ބިނާވެފައި އޮތުމެވެ.
ވިޔަފާރިއާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވޮޝިންޓަނާއި ބެއިޖިންގް އިން އެއްބަސްވުންތަކަށް އައި ނަމަވެސް، ތައިވާންގެ މައްސަލައަކީ އަބަދުވެސް މި ގުޅުންތަކުގައި އޮންނަ ހިޔަންޏެކެވެ. އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކުމާއި، ކޮންގްރެސްގެ މެންބަރުން ތައިވާނަށް ކުރައްވާ ޒިޔާރަތްތަކަކީ ޗައިނާއިން އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހުން ކަމަށް ދެކޭ ކަންކަމެވެ. އެހެންކަމުން، ރައީސް ޝީގެ އިންޒާރަކީ ހަމައެކަނި ބަހުގެ ހަމަލާއެއް ނޫން ކަމަށާއި، އަސްކަރީ ގޮތުން ނުވަތަ ޑިޕްލޮމެޓިކް ގޮތުން އެޅޭ ކުށަކުން ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމަށް މި ދިރާސާ ނިންމާލަމުން ބުނެފައިވެއެވެ.







