އިންޑިއާގެ ނިއުކްލިއާ ބާރު ލިބިގެންވާ ބެލިސްޓިކް މިސައިލް ސަބްމެރިން ފްލީޓް ފުޅާކުރުމާއި، އާ ބޭސްތައް ގާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަވެއްޖެއެވެ. މިއީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ނިއުކްލިއާ ދިފާއީ ބާރު ވަރުގަދަކޮށް، ދެވަނަ ހަމަލާއެއް ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
އޭޕްރީލް މަހުގެ 3 ވަނަ ދުވަހު، އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އެ ގައުމުގެ ތިންވަނަ ނިއުކްލިއާ ސަބްމެރިން، އައިއެންއެސް އަރިދަމަން، ވިޝާކަޕަޓްނަމްގައި ބާލައި ޚިދުމަތަށް ނެރފެފައެވެ. އިންޑިއާ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް މައުލޫމާތު ސިއްރުކުރި ނަމަވެސް، ސެޓެލައިޓް ފޮޓޯތަކުން މިކަން ކަށަވަރުވާ ކަމަށް އައިއައިއެސްއެސް އިން ރިޕޯޓްކުރެއެވެ.
މި އާ ސަބްމެރިންއާއެކު މިހާރު އިންޑިއާގައި އައިއެންއެސް އަރިހާންތު އަދި އައިއެންއެސް އަރިގާތު ހިމެނޭހެން 3 ސަބްމެރިން އެބައޮތެވެ. މީގެ އިތުރުން ހަތަރުވަނަ ސަބްމެރިން، އައިއެންއެސް އަރިސޫދަން، މިހާރު އޮތީ ކަނޑުމަތީގެ ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. އުއްމީދު ކުރެވެނީ 2027 ވަނަ އަހަރު މި ސަބްމެރިން ވެސް ހިދުމަތަށް ނެރެވޭނެ ކަމަށެވެ.

އަރިހާންތު ކްލާހުގެ ފުރަތަމަ ދެ ސަބްމެރިންއާ އަޅާބަލާއިރު، އަރިދަމަން އަދި 4ވަނަ ސަބްމެރިންގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މި އާ ސަބްމެރިންތަކުގައި 8 މިސައިލް ލޯންޗް ޓިއުބް ހިމެނޭއިރު، މިއީ ކުރީގެ ސަބްމެރިންތަކަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މީގެ ސަބަބުން 3,500 ކިލޯމީޓަރުގެ ރޭންޖް ހުންނަ ކޭ-4 މިސައިލް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އިންޑިއާގެ ސަބްމެރިންތަކަށް ހާއްސަކޮށްގެން ވިޝާކަޕަޓްނަމްގެ ދެކުނުން 50 ކިލޯމީޓަރު ދުރުގައި އައިއެންއެސް ވަރުޝާގެ ނަމުގައި އާ ސިއްރު އަސްކަރީ ބޭހެއް ދަނީ ބިނާކުރަމުންނެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި ބޭސްގައި ބިމުގެ އަޑީގައި ސަބްމެރިން ބާއްވޭނެ ބޮޑެތި ފެސިލިޓީތަކެއް ދަނީ ހަދަމުންނެވެ. މިއީ ސެޓެލައިޓްތަކަށް ނުފެންނާނެހެން ސަބްމެރިންތަކުގެ ހަރަކާތްތައް ސިއްރުކުރުމަށާއި، ހަމަލާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއުތަކަކީ އިންޑިއާގެ 'ނިއުކްލިއާ ޓްރިއާޑް' ނުވަތަ އެއްގަމާއި، ވައިގެ މަގުން އަދި ކަނޑުގެ މަގުން ނިއުކްލިއާ ހަމަލާ ދިނުމުގެ ގާބިލުކަން ފުރިހަމަކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިއާއެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަސްކަރީ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.




