ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޕާލަމެންޓް (ކްނެސެޓް) އުވާލުމަށް ހުށަހެޅި ބިލެއްގެ ފުރަތަމަ ކިޔުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު، ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ސަރުކާރު ވެއްޓި، އަވަސް އިންތިޚާބަކަށް ދާން މަގު ފަހިވާނެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުން ނަތަންޔާހޫ ބަލިވުމުގެ ފުރުސަތު ބޮޑެވެ.
ކްނެސެޓްގެ 120 ގޮނޑީގެ ތެރެއިން ގިނަ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްވީ، ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ދީނީ ފިކުރުގެ ޕާޓީއަކުން ސަރުކާރަށް ދެމުންދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. އެ ޕާޓީން ބުނާ ގޮތުގައި، ތައުރާތް ކިޔަވާ ދަރިވަރުން އަސްކަރީ ޚިދުމަތުން އިސްތިސްނާ ކުރުމަށް ވީ ވައުދު ފުއްދުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.
އިސްރާއީލުގެ ގާނޫނު ބުނާގޮތުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އިންތިޚާބު ބާއްވަން ޖެހެއެވެ. އެންމެ ފަހުން އިންތިޚާބެއް ބޭއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިހާރު ފާސްކުރި ބިލު ކޮމިޓީ މަރުހަލާ ނިމި، ފައިނަލް ވޯޓުން ފާސްވެއްޖެނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ނުވަތަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިންތިޚާބު ބޭއްވުން އެކަށީގެންވެއެވެ.
2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން އަގްސާޠޫފާން ހަމަލާއާ ގުޅިގެން، ޖެނޮސައިޑް ރެޖީމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނަތަންޔާހޫ ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނަތަންޔާހޫގެ ކޯލިޝަނަށް ކެނެސެޓްގެ އަޣުލަބިއްޔަތު ލިބުމަކީ ދުރު ކަމެކެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ކޯލިޝަނެއް ނުހެދިއްޖެ ނަމަ، އިންތިޚާބަށްފަހުވެސް ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ނަތަންޔާހޫ ހުރުމުގެ ފުރުސަތު އޮންނާނެއެވެ.
ނަތަންޔާހޫއާ އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓެވެ. ބެނެޓް ވަނީ އިދިކޮޅު ލީޑަރު ޔައީރު ލަޕިޑްއާ ގުޅިގެން 'ޓުގެދަރ' ގެ ނަމުގައި އާ ޕާޓީއެއް އުފައްދާފައެވެ. މީގެ އިތުރުން ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް އަކީވެސް މި އިންތިޚާބުގައި ވަރުގަދަ ކެންޑިޑޭޓެކެވެ.
އިދިކޮޅު ކެންޑިޑޭޓުންގެ މައިގަނޑު ވައުދަކީ އޮކްޓޯބަރު 7 ގެ ހާދިސާއަށްފަހު ޖެނޮސައިޑް ރެޖީމަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، ޔަހޫދީ ރެޖީމް އަލުން އާރާސްތުކުރުމެވެ. މި އިންތިޚާބަކީ އިސްރާއީލުގެ އިގްތިސާދަށާއި ބައިނަލްއަގުވާމީ މަސްރަހުގައި އެ ގައުމުގެ ދަރަޖައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އިންތިޚާބެއް ކަމަށް ބެލެވެއެވެ.






