ރާއްޖެއަށް ހުއްދަނެތި އެތެރެކޮށް ވިއްކަމުންދާ 21 ބޭހެއްގެ ލިސްޓެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށް، އެ ތަކެތި ބޭނުންކުރުމަކީ ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އިންޒާރު ދީފިއެވެ. މި ބޭސްތަކަކީ އެ އޮތޯރިޓީގެ އެއްވެސް ރެގިއުލޭޓަރީ ހުއްދައެއް ނެތި ވިއްކަމުންދާ ތަކެތި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެމްއެފްޑީއޭ އިން އާންމުކުރި ލިސްޓުގައި ހިމެނޭ 21 ބޭހުގެ ތެރެއިން 8 ބޭހަކީ ޖިންސީ ބާރުގަދަކުރުމަށާއި ހަށިގަނޑުގެ ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންކުރާ ބޭސްތަކެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ބަރުދަން ލުއިކުރުމަށާއި ހަކުރު ބައްޔަށް ބޭނުންކުރަމުންދާ މަޝްހޫރު ބޭހެއް ކަމަށްވާ އޮޒެމްޕިކް (Ozempic) ވެސް މި ލިސްޓުގައި ހިމެނެއެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި މި ބޭސްތަކަކީ ބޭނުންވާ ހުއްދަތައް ނުހޯދާ އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާންމު ފިހާރަތަކުގައި ވިއްކަމުންދާ ތަކެއްޗެވެ. ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން، އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެކޮށް ވިއްކޭނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް، ހުއްދަދީފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނިގެންނެވެ. ނަމަވެސް މި 21 ބޭހަކީ މި ޝަރުތު ފުރިހަމަވާ ތަކެއްޗެއް ނޫނެވެ.
އެމްއެފްޑީއޭ އިން ބުނީ ރަޖިސްޓްރީ ނުކޮށް ވިއްކާ ބޭސްތަކުގައި ހިމެނޭ މާއްދާތަކަކީ ކަށަވަރު ކުރެވިފައިވާ އެއްޗެއް ނޫން ކަމަށެވެ. "މިފަދަ ގޮތްނޭނގޭ ބޭސްތަކާއި ފާމަސޫޓިކަލް އުފެއްދުންތައް އެތެރެކޮށް ވިއްކުމަކީ ބޭނުންކުރާ މީހުންނަށް ހީނުކުރާ ފަދަ ސިއްހީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް،" އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ. މި ބޭސްތަކުގެ ކޮލިޓީއާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީ، މިއީ އާންމު ސިއްހަތަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި އެ އޮތޯރިޓީން ސިފަކުރެއެވެ.
ރާއްޖޭގައި ބޭސް އެތެރެކުރުމުގެ ހަރުދަނާ ނިޒާމެއް އޮތް ނަމަވެސް، މި ލިސްޓުން ހާމަވަނީ އެ ނިޒާމުގެ ބޭރުން ބޮޑު "ސިއްރު ބާޒާރެއް" އުފެދިފައިވާ ކަމެވެ. ފޯނުތަކުގެ ސްކްރީންތަކުންނާއި ފިހާރަތަކުގެ ހަރުތަކުން އެއްވެސް ޗެކްކުރުމެއް ނެތި މި އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް ދަނީ ފޯރަމުންނެވެ.







