ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ބަލާ އދ. ގެ މަންދޫބު ފްރެންޗެސްކާ އަލްބަނީޒީ ވަނީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން ވަރަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ ވަޒީރު އިތަމާރު ބެން-ގަވީރު ފަލަސްޠީނުގެ ބަދަވީން އެމީހުންގެ ބިންތަކުން ބޭރުކުރުމަކީ ހަމައެކަނި ވަކި ފަރުދެއްގެ އަމަލުތަކެއް ނޫނެވެ. އެއީ މުޅި އިސްރާއީލު ސަރުކާރުގެ ސިޔާސަތުތައް ރަމްޒުކޮށްދޭ ކަމެކެވެ.
އަލްބަނީޒީ ވިދާޅުވި ގޮތުގައި ސުމޫދު ފޮލޮޓިލާގެ ބައިވެރިން ވަގަށް ނަގައި ކަނޑު ފޭރިގަނެ އެމީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ޖަރީމާތަކާ ގުޅިގެން ޔޫރަޕުން ދިން ރައްދު އައީ ވަރަށް ލަހުންނެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން އެކްޓިވިސްޓުން ހައްޔަރުކޮށް، ކަނޑުފޭރޭ އުސޫލުން އުޅަނދުތަކަށް އަރައި ހިންގި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ޔޫރަޕުގެ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އައުމުން ނޫނީ އެ ޤައުމުތަކުން ބަހެއް ނުބުނުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިސްރާއީލުން ހިންގާ މިފަދަ ޖަރީމާތަކަކީ ހަމައެކަނި ސިފައިން ނުވަތަ ވަކި ވަޒީރަކު ކުރާ ކަމެއް ނޫން ކަމަށް އަލްބަނީޒީ ތުހުމަތު ކުރައްވައެވެ. ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި، ޔަހޫދީ ރެޖީމްގެ ޕާލަމެންޓް (ކްނެސެޓް) އަދި ޝަރުޢީ ނިޒާމަކީވެސް މި ޖަރީމާތަކުގައި ބައިވެރިވާ މުއައްސަސާތައް ކަމަށް ވިދާޅުވެއެވެ. ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަކީ އެ ޤައުމުގެ ދާއިމީ ސިޔާސަތަކަށް މިހާރު ވަނީ ބަދަލުވެފައެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އަލްބަނީޒީ ފާހަގަކުރެއްވީ، އިސްރާއީލުގެ މި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފިޔަވަޅު ނާޅައިފިނަމަ، ޣައްޒާގައި މިހާރު ހިނގަމުންދާ ފަދަ ލޭއޮހޮރުވުންތައް އެހެން ޤައުމުތަކުގައިވެސް ތަކުރާރުވެދާނެ ކަމެވެ. މިހާރުވެސް ލުބުނާނާއި އީރާނާ ދެކޮޅަށް އިސްރާއީލުން މިފަދަ އަމަލުތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނު މީހުން ރޭޕްކޮށް އެމީހުންނަށް ކުރާ އަނިޔާތަކާއި، ގެއްލުވާލާފައިވާ 4000 އަށްވުރެ ގިނަ މީހުންގެ މައްސަލައަކީ ބޮޑުވެގެންވާ އިންސާނީ ކާރިސާއެކެވެ.
އަލްބަނީޒީގެ ވާހަކަތަކުން އެނގިގެންދަނީ އިސްރާއީލަށް އެމެރިކާއާއި ޔޫރަޕުން ހަތިޔާރު ފޯރުކޮށްދިނުމާއި އިޤްތިޞާދީ އެހީތެރިކަން ދިނުން ހުއްޓާލަން ޖެހިފައިވާ މިންވަރެވެ. ބައެއް އަރަބި ޤައުމުތަކުން ވެސް އިސްރާއީލުގެ ޖެނޮސައިޑަށް ވާގި ވެރިވެއެވެ. އަދި އެގައުމުތަކުން އިސްރާއީލަށް ދޭ ތާއީދު ހުއްޓާލުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް އޭނާ ގޮވާލެއްވިއެވެ. އިސްރާއީލުގެ މި ނަސްލީ ދެކޮޅުވެރިކަމުގެ ތަފާތު ކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަން ޖެހިފައިވާކަން އޭނާ ފާހަގަ ކުރައްވައެވެ.






