ޖެނޮސައިޑް ރެޖީމުގެ އިންސާނީ ހައްގުތަކާއި ސުލޫކު ހުންނަ ގޮތާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިޒްރޭލާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ރަސްމީކޮށް މުރާޖައާކުރުމަށް އަޔަލޭންޑުން ބާރުއަޅަން ފަށައިފިއެވެ. އަޔަލޭންޑުން ވަކާލާތު ކުރަނީ އީޔޫ-އިޒްރޭލް އެސޯސިއޭޝަން އެގްރީމަންޓްގެ ދަށުން އިޒްރޭލުން އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ ޝަރުތުތަކަށް އަމަލުކުރަމުންދޭތޯ ގާނޫނީ ގޮތުން ބަލަންޖެހޭ ކަމަށެވެ.
ދަ އަޔަލޭންޑް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން މުރާޖައާއެއް ފެށުމަށް ޑަބްލިންއިން ވަނީ ޔޫރަޕިއަން ކޮމިޝަނަށް ގޮވާލާފައެވެ. މި މާއްދާގެ ދަށުން، އެއްބަސްވުމުގެ ބައިވެރިވާ ގައުމަކުން އިންސާނީ ހައްގުތަކާ ޚިލާފުވާކަމަށް ތުހުމަތު ކުރެވޭނަމަ ގުޅުންތައް މުރާޖައާ ކުރުމުގެ ފުރުސަތު ލިބިދެއެވެ.
މި ހުށަހެޅުމަށް ސްޕެއިން އަދި ބެލްޖިއަމް ފަދަ އީޔޫގެ ބައެއް ގައުމުތަކުން ތާއީދުކޮށްފައިވީ ނަމަވެސް، ބައެއް ގައުމުތަކުން އަދިވެސް ތިބީ އިޒްރޭލު ދެކެ ބިރުން ސީދާ ކުރިމަތިލުމަށް ފަސްޖެހިފައެވެ. އަޔަލޭންޑްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހުށަހެޅުމެއް ނޫން ނަމަވެސް، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގެ ނިންމުންތަކާއި ޣައްޒާގެ އިންސާނީ ހާލަތަށް ބަލާއިރު މިއީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެކެވެ.
ޔޫރަޕިއަން ކޮމިޝަނުން ޔަހޫދީ ރެޖީމަށް ބިރުން މިހާތަނަށް ރަސްމީ މުރާޖައާއެއް ފެށުމަށް ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، އަޔަލޭންޑްގެ މަގާމަށް ތާއީދުކުރާ ގައުމުތަކުގެ އަދަދު އިތުރުވަމުން ދިއުމާއެކު، ބްރަސަލްސްއަށް މިކަމުގައި ފިޔަވަޅެއް އެޅުމަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ.






