އިޒްރޭލާއި އެމެރިކާއިން އީރާނުގެ އިލްމީ ގާބިލުކަމަށް ހަސަދަވެރި ވަނީ ކީއްވެ؟

އެމެރިކާ އާއި އިޒްރޭލުން މާރިޗު މަހުގެ ފަހުކޮޅު އީރާނަށް ދިން ސޮލީބީ ސަހުޔޫނީ އުދުވާނުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ޕާސްޗަރ އިންސްޓިޓިއުޓް އޮފް އީރާން އަލުން އާބާދުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ މުޖުތަމައަށް ދުނިޔޭގެ އެކި ގައުމުތަކުގެ ދިރާސާވެރިން ގޮވާލައިފިއެވެ.

ދުނިޔޭގެ މަޝްހޫރު މެޑިކަލް ޖާާނަލް އެއް ކަމަށްވާ "ދަ ލާންސެޓް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ސައިންސްވެރިން އިންޒާރު ދީފައިވަނީ، މި މަރުކަޒަށް ލިބުނު ގެއްލުމުގެ ސަބަބުން ސަރަހައްދުގެ މުހިންމު ދިރާސާތައް ހުއްޓުމުން އާންމު ސިއްހަތަށް އާ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި އިލްމީ މަސައްކަތްތަކަށް ހުރަސްއެޅުމެއް ނޫން ކަމަށާއި، މިއީ ގަރުނެއް ވެފައިވާ އާންމު ސިއްހަތުގެ މުހިންމު ބިންގަލެއް ބީވެގެންދިއުން ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

އީރާނާއި، ޔޫރަޕް އަދި ނިއުޒީލެންޑް ފަދަ ހުޅަނގުގެ ގައުމުތަކުގެ ދިރާސާވެރިން ބައިވެރިވެގެން ތައްޔާރުކުރި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 106 އަހަރުވީ މި އިންސްޓިޓިއުޓަކީ މެދުއިރުމަތީގެ ސަރަހައްދުގެ އާންމު ސިއްހީ ނިޒާމުގެ މައި ތަނބެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ޖީނޯމިކް ސަވައިލަންސް، ރޭބީސް، އެޗްއައިވީ/އެއިޑްސް، ހެޕަޓައިޓިސް އަދި ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ މުހިންމު ލެބޯޓްރީތައް އެމެރިކާއާއި އިޒްރޭލުން ވަނީ އެއްކޮށް ސުންނާފަތި ކޮށްލާފައެވެ.

އީރާނަށް އެމެރިކާއާއި އިޒްރޭލުން ދިން ހަމަލަތަކުގައި އެގައުމުގެ އިލްމީ ސައިންސްގެ ގާބިލްކަން ނައްތާލުމަށް ގިނަ ހަމަލަތަކެއް ދީ ސައިންސްޓިސްޓުން ޝަހީދު ކޮށްފައި ވެއެވެ.
މި ކަމަކީ ފަލަސްޠީނުގެ ޖެނޮސައިޑްގައި އިޒްރޭލުންވެސް ގެންގުޅުނު އުސޫލެވެ. އިލްމީ މަރުކަޒުތަކާއި ތައުލީމީ އިދާރާތަކާއި ރިސާޗް ސެންޓަރތަކަށް ބޮން އަޅައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ އެތަންތަން ސުންނާފަތިކޮށްލާފައެވެ. އީރާނުގައި ސޮލީބީ ސަޔުހޫނީ އުދުވާނުން ކަން ކުރީ އެބީދައިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މި ހަމަލާތަކަށްފަހު އެ އިންސްޓިޓިއުޓްގެ މަސައްކަތްތައް ހުއްޓި، ސިއްހީ ހިދުމަތްތައް ފޯރުކޮށްނުދެވޭ ހާލަތަށް ގޮސްފައިވާކަން ކަށަވަރުކޮށްދީ ސޮލީބީ ސަހުޔޫނީ އުދުވާން ކުށްވެރިކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ސަރަހައްދީ ސިއްހީ ދިރާސާގެ ނިޒާމަށް ބޮޑު ހީނަރުކަމެއް ކުރިމަވެފައި އޮތް އިރު، މޫސުމީ ބަލިމަޑުކަން ފެތުރޭ ބަލިތަކާއި އެހާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް މިހާރު ވަނީ ހުރަސް އެޅިފައެވެ.

މި ހަމަލާތަކަކީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ސޮލީބީ ސަހުޔޫނީ އުދުވާނުގެ ބައެކެވެ. އެ އުދުވާނުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އިސް އޮފިޝަލުން ޝަހީދުކޮށްފައިވާ އިރު، ތައުލީމީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އާސާރީ ތަންތަނަށް ވެސް ވަނީ ޔަހޫދީންނާއި އެމެރިކާއިން ވަނީ އަމާޒުކޮށްފައެވެ. އީރާނުގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ މާހިރުން ވަނީ ސިއްހީ އުމްރާނީ ވަސީލަތްތަކަށް ދިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!