އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ ބޭކާރު ކަމެއް: ޖަރުމަނުގެ ރައީސް

އެމެރިކާއާއި އިސްރާއީލް ގުޅިގެން އިސްލާމީ ޖުމްހޫރިއްޔާ އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އުދުވާނަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ސިފަކުރައްވައި، ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. ރައީސް ސްޓައިންމަޔަރ ވިދާޅުވީ މިއީ "ހަގީގަތުގައިވެސް ހުއްޓުވިދާނެ، ބޭކާރު ހަނގުރާމައެއް" ކަމަށެވެ.

ޖަރުމަނުގެ ޚާރިޖީ ވުޒާރާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޑިޕްލޮމޭޓުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސްޓައިންމަޔަރ ވިދާޅުވީ، 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުން (ޖޭ.ސީ.ޕީ.އޯ.އޭ) އިން ޓްރަމްޕްގެ ސަރުކާރުން އެއްފަރާތްވުމަކީ މިހާރު ފާރިސީ ކަނޑުއޮޅީގެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ މައިގަނޑު ސަބަބު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ އެއްބަސްވުން ދެމެހެއްޓި ނަމަ، މިއަދު ފެންނަމުންދާ ނުރައްކާތެރި ނަތީޖާތައް ހުއްޓުވުނީހެވެ.

ޖޭ.ސީ.ޕީ.އޯ.އޭ އެކުލަވާލުމުގެ މަޝްވަރާތަކުގައި ޖަރުމަނުގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އިސްކޮށް އުޅުއްވި ސްޓައިންމަޔަރ ވަނީ މި ހަނގުރާމައަކީ "ސިޔާސީ ގޮތުން ހެދުނު ބޮޑު ގޯހެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން މި އުދުވާނު ދިފާއުކުރުމަށް ދައްކާ ބަހަނާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ވެސް ވަނީ އީރާނުގެ ލީޑަޝިޕްގެ ކުރިމަތީގައި އެމެރިކާ ވަނީ "ލަދުގަންނަން ޖެހިފައި" ކަމަށް ވިދާޅުވެފައެވެ.

އާދަވެގެން ޖަރުމަނަކީ އިސްރާއީލު ދެކެ ބިރު ގަންނަ އިސްރާއީލަށް ފާޑުކިޔަން ބިރު ގަންނަ ގައުމެކެވެ. ނަމަވެސް ޖަރުމަނުގެ ރައީސްގެ މި ވާހަކަފުޅުތަކަކީ ހުޅަނގުގެ ގައުމުތަކުގެ މެދުގައި އެމެރިކާއާއި އިސްރާއީލަށް އޮތް ތާއީދު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ ސަރަހައްދީ ސުލްހަ ގާއިމުކުރެވޭނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޮން އެޅުމުގެ ބަދަލުގައި، ޑިޕްލޮމެސީ އިސްކޮށް އީރާންގެ އިސްތިގުލާލަށް އިހުތިރާމްކޮށްގެން ކަމަށެވެ. އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދާކަން އައި.އޭ.އީ.އޭ އިން ކަށަވަރުކޮށްދީފައިވާއިރު، އެމެރިކާއާއި އިސްރާއީލުން ދަނީ ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުންނެވެ.

ހިއްސާ ކުރައްވާ!