އެމެރިކާގެ ފިންޓެކް ކުންފުންޏެއް ކަމަށްވާ ބޯލްޓް އިން އެ ކުންފުނީގެ މުޅި ހިއުމަން ރިސޯސަސް (އެޗްއާރު) ޑިޕާޓްމަންޓް އުވާލައި، އެމީހުންގެ ކިބައިން ސަލާމަތް ވެއްޖެއެވެ. އަދި އެކަން ދިފާއުކޮށް އެ ކުންފުނީގެ ސީއީއޯ ރަޔަން ބްރެސްލޯ ވާހަކަދައްކަވައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ އޮނިގަނޑަށް ގެނައި ބޮޑު ބަދަލެއްގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ބުނެއެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހު އަމަލުކުރަން ފެށި މި ބަދަލާއެކު، ކުންފުނީގެ މުވައްޒަފުންގެ 30 އިންސައްތަ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ފޯޗޫންސް ވޯކްފޯސް އިނޮވޭޝަން ސަމިޓުގައި ވާހަކަދައްކަވަމުން ބްރެސްލޯ ވިދާޅުވީ، އެޗްއާރު ޓީމުން ދިޔައީ "އަސްލު ވުޖޫދުގައި ނެތް މައްސަލަތައް އުފައްދަމުން" ކަމަށެވެ.
ބްރެސްލޯ އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނީގެ ހިއްސާގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި ކުންފުނި ހަމަ މަގަށް އެޅުވުމަށް މި ފިޔަވަޅަކީ ކޮންމެހެން މުހިންމު ފިޔަވަޅެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އެޗްއާރު ޑިޕާޓްމަންޓް އުވާލުމަކީ ބޯލްޓް ކުންފުނި އިތުރަށް ހަލުވިކޮށް، މަސައްކަތްތައް އަވަސްކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
"އެޗްއާރު ޓީމު ވަކިކުރުމާއެކު، އެ ޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތައް ވަނީ ނެތިގޮސްފައި،" ބްރެސްލޯ ވިދާޅުވިއެވެ. މީން ދޭހަވަނީ އެ ޑިޕާޓްމަންޓުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަމަށް ހުރަސްއެޅެމުން ދިޔަކަން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެއް އިރެއްގައި ފިންޓެކް ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދަމުން އައި ބޯލްޓް ކުންފުނި ފަހަކަށް އައިސް ވަނީ މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ބްރެސްލޯގެ މި ވާހަކަތަކާ ގުޅިގެން، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނިތަކުގައި އެޗްއާރުގެ ދައުރާ މެދު މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.







