އިންޑިއާގައި ފެށުނު ސިޔާސީ މަލާމާތާއި ޖޯކުތަކުގެ ރާޅެއް ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ފެތުރި، އިންޑިއާގެ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީޖޭޕީ) އަށް އޮތް ތަރުހީބާ އެކު ޕާކިސްތާނުގައި ވެސް މިފަދަ ގްރޫޕްތަކެއް އުފެދެން ފަށައިފިއެވެ. ޕާކިސްތާންގައި 'ކޮކްރޯޗް އަވާމީ ޕާޓީ' (ސީއޭޕީ) އަދި 'ކޮކްރޯޗް އަވާމީ ލީގު' (ސީއޭއެލް) ފަދަ ޖަމާއަތްތައް ހަދައި އެތަންތަނުގެ އެކައުންޓްތައް މިހާރު ވަނީ އޮންލައިންކޮށް ފެންނަން ފަށާފައެވެ.
މި ހަރަކާތަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވި ސީޖޭޕީގެ ނަކަލެކެވެ. ސީޖޭޕީ އުފެދިގެން އައީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު، ވަޒީފާނެތް ޒުވާނުން ސިޔާސީ ކަންކަމުގައި އުޅޭ އުޅުމަށް އިޝާރާތް ކުރައްވައި، އެއީ ކުރަފި އަދި ފަނިފަކުސަ ކަމަށް ސިފަކުރެއްވި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެންނެވެ.
އުއްތަމަ ފަނޑިޔާރު ފަހުން އެ ވާހަކަފުޅު ސާފުކޮށްދެއްވި ނަމަވެސް، އެ ބަސްމަގު ވަނީ ސޯޝަލް މީޑިއާގައި ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. އިންޑިއާ މީޑިއާއިން އިން ފާހަގަކުރާ ގޮތުގައި، ކުރަފި އަކީ "ނައްތާލަން އުނދަގޫ އަދި ވަރަށް އަވަހަށް އިތުރުވާ" އެއްޗަކަށް ވުމުން، މި ސިޔާސީ މަލާމާތް ވެސް މިހާރު ދަނީ ޕާކިސްތާނުގައި ކުރަފި ފެތުރޭހެން ހަލުވިކަމާއެކު ފެތުރެމުންނެވެ.
ޕާކިސްތާނުގައި އުފެދިފައިވާ މި އެކައުންޓްތަކުން ތަމްސީލުކުރަނީ މައިގަނޑު ސިޔާސީ ޕާޓީތަކަށް އޮތް ބަދަލެއްގެ ގޮތުގައެވެ. މިއީ މަޖާ މިޒާޖަކާއި، މާޔޫސްކަމާއި އަދި ސިޔާސީ ފާޑުކިޔުން އެއްކޮށްލައިގެން، އިންޑިއާގެ އަސްލު ހަރަކާތުން ހިތްވަރު ލިބިގެން ކުރިއަށްދާ ކަމެކެވެ.




