އީރާނާއެކު އަލުން ހަނގުރާމައެއް ފެށިޔަނުދިނުމަށްޓަކައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާ އަދި ގަތަރު ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފިއްތަމުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފިއެވެ.
މި ތިން ގައުމުގެ އިސްވެރިން ރައީސް ޓްރަމްޕަށް ވަކިވަކިން ގުޅުއްވައި، އީރާނާއެކު މަޝްވަރާ ކުރުމަށް އިތުރު ފުރުސަތު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މި މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، އަސްކަރީ ފިޔަވަޅެއް އެޅުމަކީ އީރާނާ މެދު ވޮޝިންގޓަނުން ގެންގުޅޭ ދިގު މުއްދަތުގެ މަގްސަދުތައް ހާސިލްވާނެ ކަމެއް ނޫން ކަމަށް ގަލްފުގެ ލީޑަރުން ވަނީ ސާފުކޮށް ވިދާޅުވެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ގަލްފުގެ އޮފިޝަލުން އިންޒާރު ދެއްވާފައިވާ ގޮތުގައި، އީރާނާއި އެމެރިކާގެ މެދުގައި އަލުން ކުރިމަތިލުމެއް ފެށިއްޖެނަމަ، އީރާނުން ކުރިމަގުގައި ދީފާނެ ހަރުކަށި ރައްދު ހަމަލާތަކެއްގެ ސަބަބުން މުޅި ސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.
އިސްރާއީލާ އަޚުވަންތަ ގުޅުމެއް ބާއްވާ ޔޫއޭއީގެ މި ނިންމުމަކީ އެ ގައުމުގެ ހާރިޖީ ސިޔާސަތަށް އައި ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. މީގެ ކުރިން އީރާނާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅުނު ޔޫއޭއީއަކީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު ހަމަނުޖެހުންތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު އެއް ގައުމެވެ. އެ ފަހަރު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނާއި އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތްތަކުން ވަނީ ގަލްފުގެ އެކި ސަރަހައްދުތަކަށް އެތައް ހާސް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތަކުގައި އާންމުން މަރުވެ، ބަނދަރުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ބިލިއަނުން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
އިރާގްގައި ތިބޭ އީރާނަށް ސަޕޯޓު ކުރާ ހަނގުރާމަވެރިން ވަނީ މިދާކަށް ދުވަހު ތޔޫއޭއީގެ ނިއުކްލިއަރ މަރުކަޒު ކައިރިއަށް ޑްރޯންހަމަލައެއް ވެސް ދީފައެވެ. އެއިންވެސް ޔޫއޭއީއަށް އޮތް ނުރައްކާ ވަނީ ސާބިތުކޮށްދީފައެވެ،.
ބްލޫމްބާގް އިކޮނޮމިކްސްގެ ތަޖުރިބާކާރު ދީނާ އެސްފަންޑިއާރީ ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އީރާނުގެ ކުރިމަތިލުމުގެ ތެރޭގައި ތާށިވެ، އިގްތިސާދު ފުނޑި ދާނެ ކަމަށް ބެލި، ގަލްފުގެ ގައުމުތަކުން އެންމެ ބިރުގަތް ކަންތައްތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، މިހާރު އެ ގައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށެވެ.






