މޫމިނާ އިގްބާލު މީހަކާ އިންނަން ދިމާކޮށްފި

ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރި މޫމިނާ އިގްބާލް ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތައް އޭނާގެ ކޮއްކޮ ރަމްޝާ އިގްބާލް ކަށަވަރުކޮށްދީފިއެވެ. ސޯޝަލް މީޑިއާގައި މި ޚަބަރުތައް ފެތުރެމުންދާތާ ދުވަސްކޮޅެއް ފަހުން، ރަމްޝާ ވަނީ މޫމިނާގެ ކައިވެނި  ޖޫން މަހުގެ 1 ވަނަ ދުވަހު މުހައްމަދު ހަމްޒާ ހަބީބީއާ ކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.

މި ކައިވެންޏަކީ އާއިލާގެ ރުހުމާއެކު ކުރެވޭ ކައިވެންޏެއް ކަމަށާއި، މޫމިނާ ހިތާވެގެން އުޅޭ ހަމްޒާ އަކީ އާއިލާގެ މީހެއް ނޫން ކަމަށްވެސް ރަމްޝާ މައުލޫމާތު ދީފައިވެއެވެ. ނަމަވެސް، ކައިވެނީގެ ތައްޔާރީތައް ކުރިއަށްދާއިރު މޫމިނާ އާއި އޭނާގެ އާއިލާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މޫމިނާ ހާމަކޮށްފައިވާ ގޮތުގައި، ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތަކުން އޭނާއަށާއި އޭނާގެ އާއިލާއަށް ދަނީ މަރުގެ އިންޒާރު ދެމުންނެވެ. މި މައްސަލައާ ގުޅިގެން މޫމިނާ އިންސްޓަގްރާމްގައި ހިއްސާކުރި ސްޓޯރީއަކަށް ފަހު ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. މި މައްސަލައިގައި ޕަންޖާބުގެ އެމްޕީއެއް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މޫމިނާގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ރަމްޝާ އިގްބާލް ބުނީ، މި މައްސަލައިގައި މޫމިނާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނީ އޭނާ ކަމަށެވެ. ރަމްޝާ އަކީ ބޭރު ގައުމަކުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް، ޕާކިސްތާނުގެ ގާނޫނީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ވަކީލެކެވެ.

މީޑިއާއާ ވާހަކަދައްކަމުން ރަމްޝާ ބުނީ، "މި މައްސަލައިގައި މީޑިއާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުވެރިވަން. އަޅުގަނޑުމެން ވާނީ ހުރިހާ ހެކިތަކެއް ފޯރުކޮށްދީފައި. ސަރުކާރުގެ ފަރާތުން މިހާރު ވަނީ މޫމިނާގެ އާއިލާއަށާއި އޭނާގެ ކައިވެނި ހަމަޖެހިފައިވާ ފަރާތުގެ އާއިލާއަށް ސެކިއުރިޓީ ފޯރުކޮށްދީފައި،" ކަމަށެވެ.

މި މައްސަލަ މީޑިއާގައި މާ ބޮޑަށް އިޝްތިހާރު ކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އިންސާފު ލިބޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށްވެސް ރަމްޝާ އިތުރަށް ބުންޏެވެ. މިހާރު މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ އުންމީދީ ގޮތަކަށެވެ.

ހިއްސާ ކުރައްވާ!