ބޮޑެތި ބޭފުޅުންގެ ޒާތީ މައުލުމާތު ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ މުހިންމު ޝަހުސިއްޔަތުތަކާއި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި، ބޭރު ގައުމުތަކުގެ އެޖެންސީތަކަށް ވިއްކަމުންދިޔަ ނެޓްވޯކެއް އަތުލައިގަނެ، އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހާމަކުރެއްވީ އެ ގައުމުގެ ނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ) ގެ ޑައިރެކްޓަރ ޖެނެރަލް ސައިދު ކުރަމް އަލީ އެވެ.

ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ކުރަމް އަލީ ވިދާޅުވީ، ދެކުނު ޕަންޖާބުން އަތުލައިގަތް މި ގްރޫޕުން ދިޔައީ ގައުމުގެ އިސް ބޭފުޅުންގެ ސެކިއުރިޓީއާ ގުޅުންހުރި މައުލޫމާތުތައް އެންމެ މަދު ފައިސާކޮޅަކަށް ވިއްކަމުންނެވެ. އަދި މި މައުލޫމާތުތައް ލީކުކުރުމުގައި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ، ޑޭޓާބޭސްތަކަށް އެކްސެސް އޮންނަ މުވައްޒަފުން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެކި އިދާރާތަކުގެ މުވައްޒަފުން ދަނީ މައުލޫމާތު ލީކުކުރުމަށް އެހީތެރިވަމުން. ޒާތީ މައުލޫމާތު ވިއްކުމާއި ލީކުކުރުމުގެ މައްސަލަތަކުގައި އަޅުގަނޑުމެން ގެންގުޅެނީ 'ޒީރޯ ޓޮލަރެންސް' ސިޔާސަތެއް،" ކުރަމް އަލީ ވިދާޅުވި އެވެ. އަދި މިކަމުގައި ބައިވެރިވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބޭންކުތަކުގެ މައުލޫމާތާއި އައިޑެންޓިޓީ ލީކުވާ މައްސަލަތައް ބެލުމަށްޓަކައި ސްޓޭޓް ބޭންކާ ގުޅިގެން ކަރާޗީގައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެންސީސީއައިއޭ އިން ބުނެ އެވެ. އަދި ސައިބަރ ކްރައިމްގެ ނުރައްކަލުން ސަލާމަތްވުމަށް އާންމުން ހޭލުންތެރިވުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިއްސާ ކުރައްވާ!