އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ވަނީ ގޮތް ނޭނގޭ އުދުހޭ ބޯތަށި ނުވަތަ އަންއައިޑެންޓިފައިޑް އޭރިއަލް ފެނޯމިނާ (ޔޫއޭޕީ) އާ ގުޅޭ ވީޑިއޯތަކާއި ލިޔެކިޔުންތަކުގެ ދެވަނަ ބައެއް އާންމުކޮށްފައެވެ. މިހާރު އާންމުކުރި މި ފައިލްތަކުގެ ތެރޭގައި އަލަށް 50 ފައިލް ހިމެނޭއިރު، މީގެ ތެރޭގައި އެތައް އަހަރެއްވީ ފޫޓޭޖްތަކާއި އާންމުންނާއި އަސްކަރީ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ފުރަތަމަ ސަފުގެ ހެކިބަސްތައް ހިމެނެއެވެ.
އެމެރިކާއިން މި ތަކެތި ހާމަ ކުރަނީ ދެ ބޯގެރި ދުއްވުމުގެ މަގްސަދުގައެވެ. ޓްރަމްޕަށް ފިއްތުން ކުރިމަތިވާ ކޮންމެ ފަހަރެއްގައި މީހުން ކަސިޔާރު ކޮށްލުމަށް މިފަދަ އެއްޗެއް އާނމު ކޮށްލައެވެ.
ޑިޕާޓްމަންޓް އޮފް ޑިފެންސްއިން ހާމަކުރި ގޮތުގައި، އަލަށް އާންމުކުރި ވީޑިއޯތަކުން މެދުއިރުމަތީގެ މަތިން ބޯތަށިތައް އުދުހޭ މަންޒަރު ފެނެއެވެ. މީގެ ތެރޭގައި 2019 ވަނަ އަހަރު ފާރިސީ ކަނޑު އޮޅި މަތިން އުދުހުނު ތިން ބޯތަށްޓަކާއި، 2022 ވަނަ އަހަރު އީރާން ކައިރިން ދަތުރުކުރި އުޅަނދުތަކެއްގެ މަތިން ފެނުނު ހަތަރު އެއްޗެއް ހިމެނެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ސީރިއާގައި ނަގާފައިވާ ވީޑިއޯއަކުން ވަރަށް ބާރުމިނުގައި ދުރަށްދާ އެއްޗެއް ފެންނައިރު، 2022 ވަނަ އަހަރު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މަތިން ސިގަރެޓް ބުރިއެއްގެ ބައްޓަމަށް ހުރި އުޅަނދެއް ފެންނަ މަންޒަރު ވެސް ވަނީ އާންމުކޮށްފައެވެ.
ޕެންޓަގަނުގެ ބޯތަށި ދިރާސާ ކުރާ އޮފީހުން ތަކުރާރުކޮށް ބުނެފައިވަނީ، ރެކޯޑް ކުރެވިފައިވާ އެތައް ހާސް ތަކެއްޗަކީ ދުނިޔެގެ ބިމުގެ ބޭރުގެ (އެކްސްޓްރާޓެރެސްޓްރިއަލް) އެއްޗެހި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ގިނަ ފައިލްތަކަކީ އެ ތަކެތި އައި ގޮތުގެ ސައްހަ މައުލޫމާތު މަދު ފައިލްތަކެއް ކަމަށް ވެސް އެ އޮފީހުން ފާހަގަކުރެއެވެ.
މި މައުލޫމާތުތައް އާންމުކުރަން ފަށާފައިވަނީ ދުނިޔޭގެ ބިމުން ބޭރުގެ ދިރުންތަކާ ގުޅޭ ސަރުކާރުގެ ފައިލްތައް އާންމުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެބްރުއަރީ މަހު ނެރުއްވި އަމުރުފުޅަކާ ގުޅިގެންނެވެ. ޕެންޓަގަނުން ބުނާ ގޮތުގައި މި ފައިލްތައް ހޯސްޓްކުރާ ވެބްސައިޓަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.
އަލަށް އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި ނާސާގެ އެސްޓްރޮނޯޓުންނަށް ފެނިފައިވާ އާދަޔާ ހިލާފު ކަންތައްތަކުގެ ވާހަކަ ވެސް ހިމެނެއެވެ. އޭގެ ތެރޭގައި 1962 ވަނަ އަހަރު މާކަރީ-އެޓްލަސް 8 ގެ ޕައިލެޓް ވޮލީ ޝިރާގެ ކެޕްސޫލް ކައިރިން ފެނުނު "ކުދި ހުދު ކުލައިގެ ތަކެތި" ގެ ވާހަކަ ހިމެނެއެވެ. ނަމަވެސް، އެސްޓްރޯފިޒިސިސްޓް ނީލް ޑިގްރާސް ޓައިސަން ވަނީ މިފަދަ މައުލޫމާތުތައް އަސްކަރީ ވީޑިއޯތަކާ އެކު އާންމުކުރުމަކީ އޮޅުން އަރާފާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އެސްޓްރޮނޯޓުންގެ އެއްވެސް ރިޕޯޓަކުން އެއީ ބިމުން ބޭރުގެ މަހުލޫގުންގެ ހަރަކާތެއް ކަމަށް ދޭހައެއް ނުވެއެވެ.
ޕެންޓަގަނުން ހާމަކުރި ގޮތުގައި ޔޫއޭޕީއާ ގުޅޭ ތިންވަނަ ބައެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މާ ލަސްތަކެއް ނުވެ އެ މައުލޫމާތުތައް ވެސް އާންމުކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.







