ހުރިހައި ޝުކުރެއް ޓްރަމްޕަށް: އީރާނަށް އަލުން ހުރުމުޒު ކަނޑުއޮޅި ހޯދައިދީފި

ދުނިޔޭގެ ހަކަތައިގެ މުހިންމު މަގަކަށްވާ ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތީ ބާރުވެރިކަން ރަސްމީކޮށް ގާއިމުކޮށް ދިނުމަށ ްމަގު ފަހިކޮށް ދިނީ އެމެރިކާގެ ސޮލީބީ ރައީސް ޓްރަމްޕެވެ. އެއާއެކު އީރާނުން ވަނީ، އެ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހާއްސަ އޮނިގަނޑެއް އެކުލަވާލައިފައެވެ. މިއީ އެ ސަރަހައްދުގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި އަދި އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.

އީރާނުން އަލަށް އުފެއްދި ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) މެދުވެރިކޮށް މިހާރު އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކަންކަން ބަލަހައްޓައި، ރެގިއުލޭޓަރީ މެނޭޖްމަންޓް ޕްލޭނެއް ތަންފީޒުކުރަން ފަށާފައެވެ. މިއީ ފުރަތަމަ ފަހަރަށް އީރާނަށް މިފަދަ ކާމިޔާބީއެއް ލިބުނު ފަހަރެވެ!

މުހައްލިލުން ފާހަގަކުރާ ގޮތުގައި އީރާނަށް ލިބުނު މި ކާމިޔާބީއަކީ އެމެރިކާގެ އަބަހައްދަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުނު ދެއުޅި އެއްނުވާ ޚާރިޖީ ސިޔާސަތުގެ ނަތީޖާއެކެވެ. އެމެރިކާއާއި ޔަހޫދީ ޖެނޮސައިޑް ރެޖީމންު އީރާނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރި ނަމަވެސް، އީރާނުގެ ދިފާއީ ބާރުތަކުން ދެއްކި ސާބިތުކަމުގެ ސަބަބުން، އަސްކަރީ ހައްލަކީ ސޮލީބީ ސަހުޔޫނީންނަށް ކުރެވޭނެ ކަމެއް ނޫންކަން ވޮޝިންޓަނަށް ގަބޫލުކުރަން މަޖުބޫރުވިއެވެ.

ހުރުމުޒު ކަނޑުއޮޅީގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އީރާނުން ވަނީ އަވަށްޓެރި އޮމާނާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައެވެ. މީގެ ދަށުން ހުރުމުޒުކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން "މެރިޓައިމް ސާވިސް ފީ" އެއް ނެގުމަށް ވަނީ ނިންމާފައެވެ. މިއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އީރާނުގެ ސިޔާދަތީ ބާރު ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ނޭވީން ހާމަކޮށްފައިވާ ގޮތުގައި، އީރާނުން ގާއިމުކުރި އައު އުސޫލުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ވިޔަފާރި އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތައް ވަނީ ރައްކާތެރިކަމާއެކު ކަނޑުއޮޅި ހުރަސްކޮށްފައެވެ. މި ނިޒާމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން އެ ސަރަހައްދަށް ވަނުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅި، ދުނިޔޭގެ ހަކަތައިގެ މަގުތަކުގެ މައްޗަށް އީރާނަށް އޮތް ބާރުވެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ހިއްސާ ކުރައްވާ!