ޔަހޫދީ ޒަޔަނިސްޓުން ސިއްހަތާއި ތައުލީމަށް ނަފްރަތު ކުރަނީ ކީއްވެ؟

ޣައްޒާ އާއި ލުބުނާނުގައި ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ބާރުތަކުން ސިއްހީ ނިޒާމުތަކާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މި ހަމަލާތަކަކީ ހަމައެކަނި އަސްކަރީ އަމަލުތަކެއް ނޫން ކަމަށާއި، މިއީ ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމުން ސިއްހީ ޚިދުމަތްތައް ނައްތާލައިގެން އާންމުން ދިރިއުޅޭ ތަންތަނުން ބޭރުކޮށްލުމަށް ހިންގާ ބޮޑު ރޭވުމެއްގެ ބައެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ޖެނީވާ ކޮންވެންޝަންގެ ދަށުން ސިއްހީ މަރުކަޒުތަކާއި ޚިދުމަތްތެރިންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިދީފައިވީ ނަމަވެސް، ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމުން ދަނީ މި އުސޫލުތަކާ ޚިލާފުވަމުންނެވެ. ހޮސްޕިޓަލްތަކާއި އެމްބިއުލާންސްތަކަށް ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވާ މީހުން ސަލާމަތްކުރުމުގެ ފުރުސަތު ގެއްލި، އާދައިގެ އަނިޔާތައް މަރަށް ބަދަލުވެގެންދެއެވެ. މީގެ އިތުރުން، ސިއްހީ ޚިދުމަތާއި ސާފު ބޯފެން ފަދަ އަސާސީ ހިދުމަތްތައް ނައްތާލުމަަށް ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމުން ގެންުޅޭ ސިޔާސަތަކީ އެ ސަރަހައްދުތަކުން މީހުން ހިޖުރަކުރުވަން ކުރާ މަޖުބޫރު ކަމެއް ކަމަށް ގާނޫނީ މާހިރުން ބުނެއެވެ.

ސިއްހީ މަރުކަޒުތަކަށް ހަމަލާދިނުމަށް ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމުން ދައްކާ އެންމެ ބޮޑު ބަހަނާއަކީ އެ ތަންތަނަކީ ހަނގުރާމަވެރިންގެ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަން ކަމަށް ބުނުމެވެ. ނަމަވެސް، އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިކަމަށް އެކަށީގެންވާ މިނިވަން ހެކިތަކެއް އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ. "ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ސިއްހީ މަރުކަޒެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފި ނަމަވެސް، އެ ތަނެއް އެއްކޮށް ސުންނާފަތިކޮށްލުމުގެ ހުއްދައެއް ނޯވެއެވެ،" މިނިވަން ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

2025 ވަނަ އަހަރު އދ. އިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޣައްޒާގައި ކުޑަކުދިންނާއި މާބަނޑު މީހުންގެ ސިއްހީ ހިދުމަތްތަކަށް އަމާޒުކޮށް ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމުން ދޭ ހަމަލާތަކަކީ ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެކެވެ. މިއީ އެ ސަރަހައްދެއްގެ މުސްތަގުބަލު ބިނާކުރާނެ ޖީލުތައް ނައްތާލުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ އިދާރާތަކުން މި ޖަރީމާތައް ހާމަކުރަމުން ދިޔަ ނަމަވެސް، ބޮޑެތި ބާރުތަކުން ޔަހޫދީ ޖެނޮސައިޑް ޒަޔަނިސްޓް ރެޖީމަށް ދޭ އަސްކަރީ އަދި ސިޔާސީ އެހީތެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތައް ވަނީ ނިކަމެތިވެފައެވެ. މިކަމުގެ ސަބަބުން ކުރިމަތިވާނެ އެންމެ ބޮޑު ބިރަކީ، ކުރިމަގުގައި ހިނގާ ހަނގުރާމަތަކުގައި ހޮސްޕިޓަލްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބަލައި، އިންސާނީ ކަރާމާތާއި ރައްކާތެރިކަން މުޅިން ގެއްލިގެން ދިއުމެވެ.

ހިއްސާ ކުރައްވާ!