ނޭޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރުގެ މަގާމުން ތުލްސީ ގާބާޑް އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ގެ މަގާމުން ތުލްސީ ގާބާޑް އިސްތިއުފާ ދެއްވައިފިއެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާބާޑް މި މަގާމުން އިސްތިއުފާ ދެއްވީ ވައިޓް ހައުސްއިން އޭނާއަށް މަގާމުން ވަކިވުމަށް ޕްރެޝަރު ކުރުމާ ގުޅިގެންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕަށް ގާބާޑް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ޖޫން 30، 2026 ގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. ފޮކްސް ނިއުސްއިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ފިރިކަލުންނަށް ކެންސަރު ބަލި ޖެހިފައިވާތީ އާއިލާއަށް ވަގުތު ދިނުމަށެވެ. ނަމަވެސް މި މައްސަލައާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ ސަރުކާރުގެ ތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ގަބާޑް މަގާމުން އެކަހެރިކޮށް، ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ނިންމުންތަކުން އޭނާ ވަނީ ބާކީކޮށްފައެވެ. ޚާއްޞަކޮށް އީރާނާއި ވެނެޒުއޭލާއާ ގުޅޭ އަސްކަރީ އޮޕަރޭޝަންތަކުގެ މަޝްވަރާތަކުގައި އޭނާ ބައިވެރިކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުން ނުދާ ކަމަށް ބުނެ ކެޕިޓަލް ހިލްގައި އޭނާ ދެއްވި ބަޔާނާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސްގެ އިތުބާރު އަލުން ހޯއްދެވުމަށް ގަބާޑް ކުރެއްވި ބައެއް މަސައްކަތްތަކުގެ ސަބަބުން ވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލުމާއި، 2020 ވަނަ އަހަރުގެ އިންތިޚާބުގެ ވޯޓު ކަރުދާސްތަކަކާ ގުޅިގެން އެފްބީއައިއިން ހިންގި ރޭޑެއްގެ ތެރެއިން ފެނުން ހިމެނެއެވެ.

ގަބާޑްގެ ވަކިވުމަކީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޓްރަމްޕްގެ ކެބިނެޓުން ވަކިވި 4ވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް، އެޓާނީ ޖެނެރަލް ޕާމް ބޮންޑީ އަދި ލޭބަރ ސެކްރެޓަރީ ލޯރީ ޗަވޭޒް-ޑިރެމާ ވަނީ މަގާމުން ވަކިވެފައެވެ.

ގަބާޑް އިސްތިއުފާ ދެއްވުމާ ގުޅިގެން، ޑީއެންއައިގެ އެކްޓިންގ ޑައިރެކްޓަރުގެ މަގާމަށް އާރޮން ލޫކަސް އައްޔަންކުރައްވާފައިވާ ކަމަށް ރައީސް ޓްރަމްޕް ވަނީ ޓްރޫތު ސޯޝަލް މެދުވެރިކޮށް އިއުލާނު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!