ޓްރަމްޕް މޮބައިލްގެ އައު ރަން ކުލައިގެ ޓީ1 ސްމާޓްފޯނަށް ޕްރީ އޯޑަރު ކުރަން އުޅުނު ގާތްގަނޑަކަށް 27،000 ކަސްޓަމަރުންގެ ޒާތީ މައުލޫމާތު، ވެބްސައިޓްގެ ސެކިއުރިޓީ މައްސަލައެއްގެ ސަބަބުން ހާމަވެފައިވާތީ އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ސެކިއުރިޓީ ބްރީޗްގައި ކަސްޓަމަރުންގެ ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، މެއިލިންގ އެޑްރެސް، ފޯނު ނަންބަރު އަދި އޯޑަރު އައިޑެންޓިފަޔަރުތައް ހިމެނެއެވެ. ނަމަވެސް، ކްރެޑިޓް ކާޑުގެ މައުލޫމާތު، ބޭންކިންގ ތަފްސީލް، ސޯޝަލް ސެކިއުރިޓީ ނަންބަރު ނުވަތަ ފޯނު ކޯލާއި މެސެޖް ލޮގްތައް ހާމަވިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައުލޫމާތުތައް ހާމަވެފައިވަނީ ޓްރަމްޕްގެ ދަރިން ޓްރަމްޕްގެ ނަމުގައި ވިޔަފާރި ކުރުމަށް މޮބައިލް ފޯނެއް އުފައްދައި އެފޯނުގެ ޕްރީ-އޯޑަރު ފޯމު ފުރުމަށްފަހު، ފައިސާ ދެއްކުމުގެ ކުރިން މަރުހަލާ މެދުކަނޑާލާފައިވާ ފަރާތްތަކުގެއެވެ. އެހެންކަމުން، މައުލޫމާތު ހާމަވި މީހުންގެ އަދަދަށްވުރެ ފައިނަލް އޯޑަރު ދިން މީހުންގެ އަދަދު މަދުވާނެ ކަމަށް ބެލެވެއެވެ.
މި ސެކިއުރިޓީ މައްސަލަ ފާހަގަކޮށް ރިޕޯޓްކޮށްފައިވަނީ އޮސްޓްރޭލިއާގެ އައިޓީ ޕްރޮގްރާމަރެކެވެ. މި ހާދިސާ ހިނގާފައި މިވަނީ 10 މަސް ދުވަހުގެ ލަސްވުމަކަށްފަހު ޓީ1 ސްމާޓްފޯންތައް ޝިޕްކުރަން ފެށި ދަނޑިވަޅުގައެވެ. މި ފޯނަކީ އެމެރިކާގައި އުފައްދާނެ ކަމަށް ކުރިން ބުނި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށްފައިވާ ފޯނެކެވެ.
ޓްރަމްޕް މޮބައިލްއިން މިހާރު ވަނީ ސެކިއުރިޓީ ވަރުގަދަކުރުމަށް މޮނިޓަރިންގ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ފިޝިންގް އެޓޭކްތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.







