ޓްރަމްޕް ސަރުކާރުން ކިއުބާގެ ކުރީގެ ރައީސް ރާއުލް ކާސްޓްރޯ ވަގަށް ނަގަން މަސައްކަތް ފަށައިފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގި ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ އެ ސިޔާސަތު ކިއުބާއަށް އަމާޒުކޮށްފައެވެ. މިގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކިއުބާގެ ކުރީގެ ރައީސް، އުމުރުން 94 އަހަރުގެ ރާއުލް ކާސްޓްރޯގެ މައްޗަށް ދައުވާ އުފުލައި، އޭނާ ވަގަށް ނެގުމަށް އަމުރެއް ނެރެފައެވެ.

ކާސްޓްރޯގެ މައްޗަށް އުފުލާފައިވަނީ 1996 ވަނަ އަހަރު މިއާމީގެ ޖަމާއަތަކުން ދުއްވި މަދަނީ މަތިންދާބޯޓުތަކެއް ވައްޓާލި ހާދިސާއާ ގުޅިގެން މީހުން މެރުމުގެ ކުށުގެ ދައުވާއެވެ. މި އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، "އަޅުގަނޑުމެން އުންމީދު ކުރަނީ އޭނާ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ނަމަވެސް މިތަނަށް (އެމެރިކާއަށް) ގެނެވޭނެ ކަމަށް" ކަމަށެވެ.

ކިއުބާގެ ސަރުކާރު ބަދަލު ކޮށްލުމަށް މަސައްކަތް ފަށައި އެމެރިކާއިން ވަނީ އެ ގައުމު ބަނޑަށް ޖައްސަން ފަށާފައެވެ. އަދި ވެނެޒުއެލާ ހިސާރަ ކުރި ގޮތަށް ކިއުބާ ހިސާރަ ކުރަންވެސް ފަށާފައެވެ. އެމެރިކައިން ގެންގުޅޭ އުކުޅުތަކުގެ ތެރޭގައި ގާނޫނީ ދައުވާތައް ބޭނުންކޮށްގެން ގައުމުން ބޭރުގައި ތިބޭ ފަރާތްތައް ހައްޔަރުކުރުމާއި، ކިއުބާގެ ހަކަތައިގެ ދާއިރާ ހުއްޓުމަކަށް ގެނަސް އިގްތިސާދީ ގޮތުން ދަތިކުރުން ހިމެނެއެވެ. މިހާރުވެސް އެމެރިކައާ ހެދި ކިއުބާގައި ދުވާލަކު 22 ގަޑިއިރަށް ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން، އެމެރިކާގެ ކަނޑުގެ އަދި ވައިގެ ސިފައިން ކެރީބިއަން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މިއީ ކިއުބާއަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެއެވެ.

މަދޫރޯއާ ހިލާފަށް ކާސްޓްރޯއަކީ މިހާރު ވެރިކަމުގެ އަމަލީ މަސައްކަތްތަކުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންވެ ސިޔާސީ ދިރާސާވެރިން ބުނާ ގޮތުގައި ކާސްޓްރޯ ފަދަ ޝަހުސިއްޔަތެއް ވަގަށް ނެގުމަކީ ކިއުބާގެ ސަރުކާރު ވެއްޓުމުގެ ބަދަލުގައި، ފްލޮރިޑާއަށް އަމާޒުވާ ރެފިއުޖީންގެ ބޮޑު ރާޅެއް އުފެދިދާނެ ކަމެކެވެ.

އެމެރިކާގެ ނި ރޭވުންތަކާ ގުޅިގެން ކިއުބާގެ ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީ ދޮށަށް އެތައް ހާސް ބަޔަކު އެއްވެ، ސަރުކާރަށް ތާއީދުކޮށް އަދި އެމެރިކާއާ ދެކޮޅަށް އަޑުއުފުލަމުން ދެއެވެ.

ހިއްސާ ކުރައްވާ!