މީގެ ފަހުން އެމެރިކާގެ ގްރީން ކާޑަށް އެދެން ޖެހޭނީ އަމިއްލަ ގައުމަށް ގޮސް ހުރެގެން

އެމެރިކާގެ ހިޖުރީ ސިޔާސަތަށް ގެނައި ކުއްލި ބަދަލަކާއެކު، އެމެރިކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން ދާއިމީ ރަށްވެހިކަން ނުވަތަ ގްރީން ކާޑަށް އެދެން ބޭނުންވާނަމަ، އެމެރިކާ ދޫކޮށް އެމީހެއްގެ އަމިއްލަ ގައުމަށް ދާންޖެހޭ ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު އަމަލުކުރަމުން އައި އުސޫލަށް ގެނައި ބޮޑު ބަދަލެކެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި ބައި ގަރުނަށްވުރެ ގިނަ ދުވަހު އަމަލުކުރަމުން އައި އުސޫލަކީ އެމެރިކާގައި ގާނޫނީ ގޮތުން ދިރިއުޅޭ ބޭރު މީހުންނަށް ގައުމުން ބޭރަށް ނުގޮސް ގްރީން ކާޑަށް ހުށަހެޅުމުގެ ފުރުސަތު ދިނުމެވެ. މީގެ ތެރޭގައި އެމެރިކާ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި، މަސައްކަތުގެ ވިސާ އަދި ކިޔަވާ ކުދިންގެ ވިސާގައި ތިބޭ މީހުންގެ އިތުރުން ރެފިއުޖީން ވެސް ހިމެނެއެވެ.

އެމެރިކާގެ ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް އިން ބުނި ގޮތުގައި، ވަގުތީ ގޮތުން އެމެރިކާގައި ތިބޭ ބޭރު މީހުން ދާއިމީ ރެސިޑެންސީއަށް ބަދަލުވާން ބޭނުންނަމަ، އެދެން ޖެހޭނީ އެމީހެއްގެ ގައުމަށް އެނބުރި ގޮސް ހުރެގެންނެވެ. ނަމަވެސް "އިސްތިސްނާ ހާލަތްތަކެއް" ކުރިމަތިވެއްޖެ ނަމަ އެމެރިކާގައި ތިބެގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި، އެއީ ކޮން ހާލަތްތަކެއްތޯ ކަނޑައަޅާނީ އެ އިދާރާގެ އޮފިސަރުން ކަމަށް ބަޔާނުގައިވެއެވެ.

އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ކިޔަވާ ކުދިންނާއި، ވަގުތީ މަސައްކަތްތެރިން އަދި ފަތުރުވެރިން އެމެރިކާއަށް އަންނަނީ ވަކި މުއްދަތަކަށް، ވަކި ބޭނުމަކު" ކަމަށެވެ. އަދި އެމެރިކާގެ ނިޒާމު ފަރުމާކުރެވިފައިވަނީ އެމީހުންގެ ޒިޔާރަތުގެ މުއްދަތު ހަމަވުމުން ގައުމުން ފުރައިގެންދާ ގޮތަށް ކަމަށާއި، އެ ޒިޔާރަތަކީ ގްރީން ކާޑު ހޯދުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ނިންމުމުގެ ސަބަބުން އެހީދޭ ޖަމިއްޔާތަކާއި، އިމިގްރޭޝަން ވަކީލުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މިއީ ގާނޫނީ ގޮތުން އެމެރިކާއަށް ހިޖުރަކުރާ މީހުންނަށް ދަތިކުރުމަށް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ނިންމުމެވެ. މިފަދަ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ބައެއް ސަރަހައްދުތަކުގެ އާބާދީ ދަށްވަމުންދާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!