މޮރޮކޯގެ ގައުމީ އެއާލައިން، ރޯޔަލް އެއާ މެރޮކް (އާރްއޭއެމް) އިން ބައިނަލްއަގުވާމީ 12 ރޫޓެއްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ހުރުމުޒުގެ ހިސާރުގެ ސަބަބުން މަތިންދާބޯޓަށް އަޅާ ކަރާސީނު ތެޔޮގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ.
އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން އޮޕަރޭޝަނަލް ޚަރަދުތައް އާދަޔާ ހިލާފަށް ބޮޑުވެ، ބައެއް މަންޒިލްތަކަށް އޮތް ޑިމާންޑް ދަށްވުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. މި ބަދަލާއެކު ކަސަބްލަންކާ، ތަންޖާ އަދި މަރާކަޝް އިން އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ކުރާ ދަތުރުތަކަށް ބުރޫއަރާނެއެވެ.
ދަތުރުތައް މެދުކަނޑާލި ރޫޓްތަކުގެ ތެރޭގައި ތަންޖާ އިން ސްޕެއިންގެ މަލާގާ އަދި ބާސެލޯނާއަށް ކުރާ ދަތުރުތަކާއި، މަރާކަޝް އިން ފްރާންސްގެ ލިޔޯން، ބޯޑޯ، މާސޭ އަދި ބެލްޖިއަމްގެ ބްރަސަލްސްއަށް ކުރާ ދަތުރުތައް ހިމެނެއެވެ. މީގެ އިތުރުން ކަސަބްލަންކާ އިން އެފްރިކާގެ ބައެއް ގައުމުތައް ކަމަށްވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، ކެމަރޫން އަދި ގަބޯންގެ ސިޓީތަކަށް ކުރާ ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.
އެއާލައިނުން ފާހަގަކުރި ގޮތުގައި މިއީ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވެފައިވާ "އިސްތިސްނާ ހާލަތެއް" ކަމަށެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން ދަނީ ގެއްލުން ކުޑަކުރުމަށްޓަކައި އެކުންފުނިތަކުގެ ޝެޑިއުލްތަކަށް ބަދަލު ގެންނަމުންނެވެ.
"އަޅުގަނޑުމެން ދަނީ ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން. އޮޕަރޭޝަނަލް އަދި އިގްތިސާދީ ހާލަތު ތަންދިން އެންމެ އަވަސް ފުރުސަތެއްގައި މި ރޫޓްތަކުގެ ހިދުމަތް އަލުން ފަށާނަން،" އެއާލައިންގެ ބަޔާނުގައިވެއެވެ.
މި ނިންމުމުގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް ރޯޔަލް އެއާ މެރޮކް އިން ވަނީ ދީފައެވެ.




