އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސް ކައިރީގައި ހުންނަ ސީކްރެޓް ސާވިސްގެ ޗެކްޕޮއިންޓަކަށް ބަޑިޖެހި މީހަކީ ނަސީރު ބެސްޓް ނަމަކަށް ކިޔާ މީހެއްކަން ދެނެގަނެވިފައިވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. މި ހާދިސާގައި ބަޑިޖެހި މީހާ ވަނީ ސީކްރެޓް ސާވިސްގެ އޮފިސަރުން ދިން ރައްދު ހަމަލާތަކުގައި މަރުވެފައެވެ.
މި ހަމަލާ ދޭން މެދުވެރިވި ސީދާ ސަބަބު އަދި ސާފުނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 21 އަހަރުގެ ބެސްޓަކީ ނަފްސާނީ ގޮތުން ބަލިކަށި މީހެކެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާ ބުނެފައިވަނީ އޭނާއަކީ "ޒަމާނީ އީސާގެފާނު" ކަމަށާއި، އޭނާ ބޭނުންވަނީ ހައްޔަރުވާން ކަމަށެވެ. މީގެ ކުރިންވެސް ވައިޓްހައުސް ކައިރީގައި ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކަށް ވަދެގެން އޭނާ ދެ ފަހަރަކު ހައްޔަރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. ސީކްރެޓް ސާވިސްގެ އޮފިސަރުންނަށް ބެސްޓްގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ބަލަމުންދަނިކޮށް، އޭނާ ކުއްލިއަކަށް ބަޑި ނަގައި ހަމަލާދޭން ފެށިއެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ހުރި އާންމު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އޮފިސަރުން ދިން ރައްދު ހަމަލާތަކުގައި ބެސްޓް ޒަހަމްވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.
އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. "އެފްބީއައި އިން ދަނީ ސީކްރެޓް ސާވިސްއާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުން. އިތުރު ތަފްސީލު ލިބުނުވަރަކުން އާންމުންނާ ހިއްސާކުރާނަން،" ޕަޓޭލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބޮޑަށް ލަފާކުރަނީ މި ހަމަލާއަކީ އޭނާގެ ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް، މިކަމުގައި ސިޔާސީ އެއްވެސް މަގްސަދެއް އޮތްތޯ ބެލުމަށް އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ކޯޓުން ވަނީ ބެސްޓް ވައިޓްހައުސް ސަރަހައްދަށް ކައިރިވުން މަނާކޮށް އަމުރެއްވެސް ނެރެފައެވެ.





