ބަންގްލަދޭޝްގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އޭއައި ބޭނުންކުރަން ފަށައިފި

ދުނިޔޭގެ އެންމެ ޓްރެފިކް ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކުގައި ހިނގާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށައިފިއެވެ. މިއީ އެ ސިޓީގެ މަގުތަކުގައި އޮންނަ ބާރުބޮޑުވުމާއި ގަވާއިދާ ހިލާފުވާ މައްސަލަތައް ކޮންޓްރޯލް ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ.

22 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޑާކާގައި މީގެ ކުރިން ޓްރެފިކް ބަލަހައްޓަމުން އައީ މެނުއަލްކޮށް ފުލުހުން ނުކުމެގެންނެވެ. ނަމަވެސް، އޭޕްރީލް މަހުން ފެށިގެން އެ ސިޓީގެ ޓްރެފިކް ކެމެރާތައް ވަނީ އޭއައި ސޮފްޓްވެއާއަކާ ގުޅާލާފައެވެ. މި ސޮފްޓްވެއާގެ އެހީގައި ރެޑްލައިޓާ ޚިލާފުވުމާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރުމާއި، އަދި ގަވާއިދާ ޚިލފަށް ޕާކުކުރުން ފަދަ ކަންކަން އޮޓޮމެޓިކުން ދެނެގަނެވޭނެއެވެ.

ޓްރެފިކް ފުލުހުން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން މަގުމަތީގައި ފުލުހުންނާއި ޑްރައިވަރުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ މަދުވެފައެވެ. "ގަވާއިދާ ހިލާފުވާ މީހުން ކުރިން އަހަރެމެންނާ ދެކޮޅަށް ތެދުވޭ، ނަމަވެސް އޭއައި ތައާރަފްކުރި ފަހުން ޑްރައިވަރުން ވަނީ ގާނޫނަށް ބޯލަނބަން ފަށާފައި،" ޓްރެފިކް ސާޖަންޓް އެސް.އެމް ނާޒިމް އުއްދީން އޭއެފްޕީއަށް މައުލޫމާތު ދީފައިވެއެވެ.

މި އައު ނިޒާމުގެ ދަށުން މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭއައި ސިސްޓަމުން ގަވާއިދާ ހިލާފުވާކަން ފާހަގަކުރުމުން، އުޅަނދުގެ ވެރިފަރާތަށް ވަގުތުން މެސެޖެއް ފޮނުވައި ޖޫރިމަނާ ކުރެވެއެވެ. މިގޮތުން ބައެއް ޑްރައިވަރުން ވަނީ 2,000 ޓާކާ (16 ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ.

ނަމަވެސް، މި ނިޒާމަށް ބައެއް ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ބައެއް އުޅަނދުތަކުގެ ނަންބަރު ބޯޑު ސާފުނުވުމާއި، ޑާކާގެ މަގުތަކުގައި ގިނަ އަދަދަކަށް ދުއްވާ ރިކްޝާތައް މި ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ ދަތިތައް ހިމެނެއެވެ. ފުލުހުން ބުނީ ކުރިއަށް އޮތް ތަނުގައި ފައިމަގުގައި ހިނގާ މީހުންނަށް ޚާއްސަ ދުވާރުތަކުގައި ދުއްވާ އުޅަނދުތައް ދެނެގަތުމުގެ ފީޗާވެސް އިތުރުކުރާނެ ކަމަށެވެ.

ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރު ހަސީބް މުހައްމަދު އަހްސަން ވިދާޅުވީ، މި ނިޒާމުގެ ކާމިޔާބީ ބިނާވެފައި އޮތީ ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ނޫން ކަމަށާއި، ކަމާބެހޭ ފަރާތްތަކުން މެދުކެނޑުމެއް ނެތި ގަވާއިދުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ.

ހިއްސާ ކުރައްވާ!