އޮސްޓްރޭލިއާގެ އިރުއުތުރު އައްސޭރީގައި އޮންނަ ގްރޭޓް ބެރިއާ ރީފް ސަރަހައްދުގައި މިޔަރެއް ހަމަލާދީ މީހަކު މަރުވެއްޖެއެވެ. މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި އެ ގައުމުގައި މިޔަރުގެ ހަމަލާއެއްގައި މީހަކު މަރުވި ދެވަނަ ހާދިސާއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބީޗުތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ކުއީންސްލޭންޑްގެ ކެނެޑީ ޝޯލް ސަރަހައްދުގައި ފަތަން އުޅުނު އުމުރުން 39 އަހަރުގެ މި ފިރިހެން މީހާއަށް މިޔަރު ހަމަލާދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އޭނާ މޫދުން ނެގިއިރު ހާލު ވަރަށް ސީރިއަސް ކަމަށާއި، އެމްބިއުލާންސާ ހަމައަށް ގެންދެވުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފައެވެ.
މި ހަމަލާ ދިނީ ކޮން ބާވަތެއްގެ މިޔަރެއްކަން އަދި ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، އެ ސަރަހައްދަކީ ބުލް ޝާކް އަދި ޓައިގާ ޝާކް ގިނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ. ފުލުހުން ބުނެފައިވަނީ މި މަރުގެ ހާދިސާއާ ގުޅޭ ރިޕޯޓެއް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އެއް ހަފުތާ ކުރިން ހުޅަނގު އޮސްޓްރޭލިއާގެ ރޮޓްނެސްޓް އައިލެންޑް ކައިރީގައި މަސް ހިފަން އުޅުނު އުމުރުން 38 އަހަރުގެ ސްޓީވަން މެޓަބޯނީ ވެސް ވަނީ މިޔަރެއްގެ ހަމަލާގައި މަރުވެފައެވެ. އޭނާއަށް ހަމަލާދީފައިވަނީ ގާތްގަނޑަކަށް 4 މީޓަރުގެ ބޮޑު ހުދު މިޔަރެކެވެ.
އޮސްޓްރޭލިއާގެ ކަނޑުތަކަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު މިޔަރުގެ ހަމަލާތައް ގިނަ ސަރަހައްދެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު އެވްރެޖްކޮށް 20 މިޔަރު ހަމަލާ ރިޕޯޓްކުރެވޭއިރު، އޭގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތަކަކީ މަދު ހަމަލާތަކެކެވެ.
މި އަހަރުގެ ޖެނުއަރީ މަހުވެސް އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރީގެ ގިނަ ބީޗުތަކެއް ވަނީ ބަންދުކޮށްފައެވެ. އެއީ ދެ ދުވަސް ތެރޭގައި މިޔަރުގެ ހަތަރު ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަނޑުގެ ފެންގަނޑު ކުލަބަދަލުވެ، ފަތާ މީހުންނަށާއި މިޔަރަށްވެސް ފެންނަ މިންވަރު ކުޑަވުމަކީ މިފަދަ ހަމަލާތައް އިތުރުވާ ސަބަބެކެވެ.



