އިބްރާހީމީ މުއާހަދާގައި ސައުދީއާއި ޕާކިސްތާން ބައިވެރިކުރަން މަޖުބުރު ކުރަނީ

ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނާއި އެހެނިހެން އިސްލާމީ ގައުމުތަކުން އިބްރާހީމީ މުހާދަހާގައި ބައިވެރި ނުވެއްޖެނަމަ އެ ގައުމުތަކަށް ބޮޑެތި ނަތީޖާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ސެނެޓަރ ލިންޑްސީ ގްރަހަމް ވަނީ ދެއްވާފައެވެ.

ސޮލީބީ ޓްރަމްޕްގެ ފުރަތަމަ ރިއާސީ ދައުރުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމު ބާރުވެރި ކުރުމަށް އެކުލަވާލި އިބްރާހީމީ މުއާހަދާގައި ސައުދީ އާއި ޕާކިސްތާނު ބައިވެރިކުރުމަށް ބާރުއަޅަމުން ދަނީ އީރާނާއެކު ހަމަލަތައް ހުއްޓާލުމަށް އެމެރިކާއިން އެއްބަސްވުމަކާ ކައިރިވަމުން ދާއިރު އެކަމަށް ހުރަސް އަޅައި މަސްރަހު ކިލަނބު ކޮށްލުމަށް ކަމަށް ބެލެވެއެވެ.

އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ އެންމެ ހަރުކަށި އަދި ޖެނޮސައިޑް ރެޖީމަށް ތާއީދުކުރާ ގްރަހަމް ވިދާޅުވީ، އީރާނުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަރަބި އަދި މުސްލިމް ގައުމުތަކުން އިބްރާހީމީ މުއާހަދާގައި ބައިވެރިވާން އެއްބަސްވެއްޖެނަމަ، އެއީ މެދުއިރުމަތީގެ ތާރީޚުގައި އަންނާނެ އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއްބަސްވުމަށް ވާނެ ކަމަށެވެ. ފަލަސްޠީނުގެ ހައްގު ނިގުޅައި ގަނެ އަރަބިންގެ ތެރެއަށް ޒަޔަނިސްޓު ރޫހު ވެއްދުމަށް އެކުލަވާލާފައިވާ މި މުއާހަދާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި ވަރަށް ބުއްދިވެރި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެނެޓަރެއް ކަމަށްވާ ގްރަހަމް އިތުރަށް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އިތުރުން ގަތަރާއި ޕާކިސްތާނުން މި އެއްބަސްވުމުގައި ބައިވެރިވުމަކީ މުޅި ސަރަހައްދަށާއި ދުނިޔެއަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ. އަދި މެދުއިރުމަތީގެ އާ މުސްތަގުބަލަކަށްޓަކައި ކެރިގެން ފިޔަވަޅު އަޅަންވީ ވަގުތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ޓްރަމްޕް ކުރާނެ ކަމަށް އުންމިދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީއަށާއި އެހެން ގައުމުތަކަށް މުޚާތަބު ކުރައްވައި ގްރަހަމް ވިދާޅުވީ، "ރައީސް ޓްރަމްޕް އިޝާރާތް ކުރެއްވި ފަދައިން، ތިޔަ ގައުމުތަކުން އިބްރާހިމީ މުއާހަދާގައި ބައިވެރިވެ، އަރަބި-އިސްރާއީލް ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް އުއްމީދު ކުރަން. ނަމަވެސް މި މަގުން ހިނގުމަށް އިންކާރުކޮށްފިނަމަ، ކުރިމަތީގައި އޮތް ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ" ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ދޫކޮށްލުމަކީ ތާރީޚުގައި ހެދޭ ބޮޑު ގޯހެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަގީގަތުގައި ސަހުޔޫނީ ފިކުރުގެ މި މުއާހަދާއަކީ ފަލަސްޠީނުގެ މީހުންގެ ޝަރުއީ ހައްގުތައް ނިގުޅައި ގަނެފައިވާ އަދި އަރަބިންނަށް އެކަމަށް ވާގިވެރިވުމަށް ފަރުމާ ކޮށްފައިވާ މުއާހަދާއެކެވެ. މިއިނ މޮޅު ލިބުނީ ޖެނޮސައިޑް ރެޖީމަށާއި އެ ރެޖީމަށް ވާގިވެރިވާ ސަހުޔޫނީ އަރަބިންނަށެވެ!

ގްރަހަމްގެ ވާހަކައިގައި  ރައީސް ޓްރަމްޕަށް ގޮވާލެއްވީ، އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އައުމުގައި ސާބިތުވެ ހުންނެވުމަށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސައުދީ އާއި އެހެނިހެން ގައުމުތަކުން އިބްރާހިމީ މުއާހަދާގައި ބައިވެރިވުމަށް އެ ގައުމުތަކަށް ފިއްތުމަށް އޭނާ އެދިވަޑައިގަތެވެ. މިއީ ޓްރަމްޕްގެ ފަރާތުން އައި ވަރަށް ފުރިހަމަ ހުށަހެޅުމެއް ކަމަށްވެސް ގްރަހަމް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!