އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ބޭއްވުމުގެ ބޭނުމެއް މިވަގުތު ނެތް ކަމަށް އީރާނުން ބުނެފި

އެމެރިކާއާއެކު ސީދާ މަޝްވަރާތަކުގެ އާ ބުރެއް ފަށާނީ އެކަމުގެ ހަގީގީ ބޭނުމެއް އޮތް ކަމަށް ފެންނަ ހާލަތެއްގައި އެކަނި ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެމެރިކާގެ ރައީސް ބުނަނީ އެއްބަސްވުމަކަށް އަވަސް ވެގަތުމެއ ްނެތް ކަމަށެވެ. އޭނާގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ އެއްބަސްވުމެއްގައި އަވަހަށް ސޮއިކުރަން ބޭނުން ކަމަށެވެ. ޕާކިސްތާނުން ބުނަނީ އެއްބަސްވުމެއްގައި އަވަހަށް ސޮއިކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ދާން އީރާނުން ބޭނުން ނުވާކަން އީރާންގެ ސިޔާސަތުން އެނގެއެވެ.

ބަގާއީ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ޚިޔާލު ބަދަލުކުރުމަށްޓަކައި ސީދާ ބައްދަލުވުމެއް ބޭއްވުން ކޮންމެހެން މަޖުބޫރުވާ ހާލަތެއް އަތުވެއްޖެ ނަމަ އީރާނުން އެކަން ކުރާނެއެވެ. ނަމަވެސް، މިހާރުވެސް ޕާކިސްތާނު މެދުވެރިކޮށް މުއާމަލާތް ކުރުމުގެ މަގުތައް ހުޅުވިފައިވާތީ، މި ދަނޑިވަޅުގައި ސީދާ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައުޟޫއާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށްފަހު އީރާނުގެ ނިއުކްލިއާ މައްސަލައިގައި ސީރިއަސް މަޝްވަރާތަކެއް ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. މީގެ އިތުރުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ދޫކޮށްލުމުން އެ ގައުމުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށް ހިމެނޭ އެއްބަސްވުމެއްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ވަނީ ރިޕޯޓްކޮށްފައެވެ. އީރާނުން ދަނީ އެމެރިކާގެ ޝަރުތުތަކަށް ދެކޮޅު ހަދަމުންނެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ އޭޕްރިލް މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމުގައި އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މި އެއްބަސްވުންތަކަށް އަމަލުކުރުން މިހާރު އޮތީ އެމެރިކާގެ ރައީސް ޓްރަމްޕާއި އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީގެ ތަސްދީގަށް މަޑުޖެހިފައެވެ.

ހިއްސާ ކުރައްވާ!