ސްޕޭސް އެކްސް ކުންފުނީގެ ސްޓާޝިޕް އުޅަނދު އޭގެ 12 ވަނަ ތަޖުރިބާ ދަތުރު ނިންމާލުމަށްފަހު، އެނބުރި އައިސް ކަނޑަށް ޖެއްސި ވަގުތުން ގޮވާފައިވާ ކަމަށް އެ ކުންފުނިން ރިޕޯޓްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އުޅަނދު ކާމިޔާބުކަމާއެކު އޭގެ މިޝަން ފުރިހަމަކުރުމަށްފަހުގައެވެ.
މި ދަތުރުގައި ސްޓާޝިޕް އުޅަނދު ވަނީ ސްޓާލިންކް ނެޓްވޯކްގެ 20 ސެޓެލައިޓް ޕްރޮޓޯޓައިޕް އަދި އާ ޖީލުގެ ދެ ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލާފައެވެ. ނަމަވެސް، އުޅަނދު ފޮނުވާލި ވަގުތު އޭގައި ހުރި ހަ އިންޖީނުގެ ތެރެއިން އެއް އިންޖީނަށް މައްސަލަ ދިމާވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްޓާޝިޕް އުޅަނދު ކަނޑުގައި އޮތް ފްލޯޓިން ޕްލެޓްފޯމަކަށް ޖެއްސި ވަގުތު ގޮވުމާއެކު، އޮރެންޖް ކުލައިގެ ބޮޑު ދުންގަނޑެއް މައްޗަށް އަރައިގެން ދިޔައެވެ. މި މަންޒަރު ބަލަން ތިބި ސްޕޭސް އެކްސްގެ މުވައްޒަފުން ވަނީ، އުޅަނދު ގޮވި ނަމަވެސް އެއީ ކާމިޔާބު ދަތުރެއްގެ ގޮތުގައި ބަލައި އަތްތިލަބަދި ޖަހާފައެވެ.
ޓެކްސަސްގެ ސްޓާބޭސް އިން ފޮނުވާލި މި އުޅަނދަކީ އެ ސިސްޓަމްގެ ތިންވަނަ އަދި އެންމެ ފަހުގެ މޮޑެލްގެ ފުރިހަމަ ޓެސްޓެކެވެ. މި ދަތުރުގައި ބޭނުންކުރި ސުޕަ ހެވީ ބޫސްޓަރުވެސް ވަނީ މެކްސިކޯ ކަނޑުއޮޅި މަތިން ދަތުރުކުރަނިކޮށް އޭގެ އެއް އިންޖީނު ފޭލްވެ ގޮވާފައެވެ. މީގެ ސަބަބުން ބައެއް ބައިތައް ނުރައްކާތެރި ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން މި ހާދިސާއަކީ އާދަޔާ ޚިލާފް ހާދިސާ އެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އެ އިދާރާއިން މިހާރު ދަނީ މި ދަތުރުގައި ދިމާވި މައްސަލަތަކުގެ ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާތައް ދިރާސާކުރަމުންނެވެ.





