ޗައިނާގައި އުފައްދާ ހިއުމަނޮއިޑް ރޮބޮޓްތަކަށް ޚާއްސަ ޑިޖިޓަލް އައިޑީއެއް ދޭން ނިންމައިފި

ޗައިނާގެ ރޮބޮޓިކްސް ސިނާއަތް ގަވާއިދަށް ފައްތައި، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ގައުމުގައި އުފައްދާ އިންސާނުން ގޮތަށް ހަރަކާތްކުރާ ކޮންމެ ހިއުމަނޮއިޑް ރޮބޮޓަކަށް ވަކި ޚާއްސަ ޑިޖިޓަލް އައިޑެންޓިޓީއެއް ދިނުމަށް ނިންމައި، ގައުމީ ފެންވަރުގެ މަޝްރޫއެއް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން "ހިއުމަނޮއިޑް ފުލް ލައިފްސައިކަލް މެނޭޖްމަންޓް ސާވިސް ޕްލެޓްފޯމް" ތައާރަފްކޮށްފައިވެއެވެ. މިއާއެކު، އިންސާނުންގެ ސިފަޔަށް ފަރުމާކޮށްފައިވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިނގާބިނގާވެ އުޅޭ ރޮބޮޓްތަކަށް، އިންސާނުންގެ އައިޑީ ކާޑު ނަންބަރާ އެއްފަދަ ޚާއްސަ އައިޑެންޓިފިކޭޝަން ނަންބަރުތަކެއް ދޫކުރާނެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑިޖިޓަލް އައިޑީތައް ބޭނުންކުރާނީ ރޮބޮޓް އުފައްދާ މަރުހަލާއިން ފެށިގެން، އެ ރޮބޮޓެއް ބޭނުންކޮށް ނިމި ރީސައިކަލް ކުރުމާ ހަމައަށް ހުރިހާ މަރުހަލާއެއް މޮނިޓާކޮށް ބެލެހެއްޓުމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދަށުން ހިންގާ "ހިއުމަނޮއިޑް ރޮބޮޓިކްސް އެންޑް އެމްބޮޑީޑް އިންޓެލިޖެންސް ސްޓޭންޑަޑައިޒޭޝަން" ކޮމިޓީންނެވެ. މިއީ ރޮބޮޓިކްސް ދާއިރާގައި ވަކި މިންގަނޑުތަކެއް ކަނޑައަޅައި، ސަރުކާރުގެ ބެލުމުގެ ދަށުން މި ޓެކްނޮލޮޖީ ހަރުދަނާކުރުމަށް ބެއިޖިންގްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި ނިންމުމުގެ ސަބަބުން، އުޅަނދުފަހަރު ރަޖިސްޓްރީކުރާ އުސޫލުން ރޮބޮޓްތައް ބެލެހެއްޓިގެންދާނެއެވެ. މީގެ މައިގަނޑު މަގްސަދަކީ ރޮބޮޓްތައް އާންމު ދިރިއުޅުމުގައި ބޭނުންކުރަން ފަށާއިރު، ސަލާމަތީ ކަންކަމާއި ޒިންމާދާރުކަން ކަށަވަރުކުރެވޭނެ އޮނިގަނޑެއް ގާއިމްކުރުމެވެ.

ހިއްސާ ކުރައްވާ!