ފައިލް ފޮޓޯ
ފައިލް ފޮޓޯ

ލޯބީގެ ކައިވެނި ނިމުނީ ދެމަފިރިންގެ ގަޔަށް ބަޑިޖަހައި މަރައިގެން

ޕާކިސްތާނުގެ ކަރާޗީގެ މަލީރު ސަރަހައްދުގައި، ލޯބިން ކައިވެނިކުރި ޒުވާން ދެމަފިރިއެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 20 އަހަރުގެ ނާދިޔާ އާއި 25 އަހަރުގެ ނަޖީހުﷲ އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން ކައިވެނިކުރުމާ ގުޅިގެން، ނާދިޔާގެ ބައްޕަ އަސްލަމް ވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ސަޗަލް ޕޮލިސް ސްޓޭޝަނަށް ނާދިޔާ ވަގަށް ނަގާފައިވާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނަޖީހުﷲ ގެ ބައްޕަ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މަލީރު ކޯޓަށް މި ދެމަފިރިން ހާޒިރުވެ، އެމީހުންގެ ކައިވެނީގެ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށްފަހު އެނބުރި ދަނިކޮށެވެ. ކޯޓުން ވަނީ އެމީހުންގެ ކައިވެނި ބަލައިގަނެ، ނަޖީހުﷲ ގެ ބައްޕަ މިނިވަންކުރުމަށް އަމުރުކޮށް މައްސަލަ ނިންމާފައެވެ. ނަމަވެސް ކޯޓުން ނުކުމެގެން ސައުދުއާބާދުގައި ހުންނަ އައިކާޑާ ބެހޭ ނާދްރާ އޮފީހަށް ދަނިކޮށް، އެމީހުން ދަތުރުކުރި ކާރަށް ވަނީ ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ފުލުހުން ބުނާ ގޮތުގައި، ހަމަލާދިން މީހުން ވަނީ ކޯޓުން ފެށިގެން ދެ ދެ މަފިރިންނަށް ފާރަލާފައެވެ. ހައިދަރުއާބާދަށް ދިއުމަށް ކުއްޔަށް ހިފާފައިވާ އެ ކާރުގެ ފަހަތު ސީޓަށް އަމާޒުކޮށް ބަޑިޖެހި ވަގުތު، ކާރުގެ ޑްރައިވަރާއި އޭގައި އިން އަނެއް މީހާ ވަނީ ކާރުން ފައިބައިގެން ސަލާމަތްވެފައެވެ. ނަމަވެސް ކާރުގެ ފަހަތުގައި ތިބި ދެމަފިރިން ވަނީ އެތަނުގައި ވަގުތުން މަރުވެފައެވެ.

ސިންދު ޕްރޮވިންސްގެ ފުލުިހުން ވަނީ މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަރާޗީ ޕޮލިސްގެ ކިބައިން ތަފްސީލީ ރިޕޯޓަކަށް އެދިފައެވެ. އަދި މި ޖަރީމާ ހިންގި މީހުން ވަގުތުން ހޯދައި ހައްޔަރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!