އީރާނުގެ އިމާމް މުޖުތަބާ ޚާމަނާއީ މިއަދު ވިދާޅުވީ، މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާއަށް އަމާންކަމެއް ނޯންނާނެ ކަމަށެވެ. ޓެލެގްރާމް މެދުވެރިކޮށް ދެއްވި މެސެޖެއްގައި އޭނާ ވަނީ އިސްލާމީ ހުރިހާ ގައުމުތަކަކާއި ސަރުކާރުތަކަކަށް އެކުވެރިކަމާއި އެއްބާރުލުން ދިނުމަށް އިޚްލާޞްތެރިކަމާއެކު ގޮވާލައްވާފައެވެ.
ޚާމަނާއީ މިހެން ވިދާޅުވެފައި މިވަނީ، ތިން މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ސޮލީބީ ސަހުޔޫނީ ދުޝްމަނުން ފެށި އުދުވާން ނިމުމަކަށް ގެނައުމަށްޓަކައި ތެހެރާނާއި ވޮޝިންޓަނުން އޮނިގަނޑެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މަސައްކަތުގެ ތެރެއިން، އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުޙައްމަދު ބާގިރު ގާލީބާފް އިސްކޮށް ހުންނަވައިގެން މަތީ ފަންތީގެ ވަފުދެއް އިއްޔެ ވަނީ ގަތަރުގެ ދޯހާއަށް ވަޑައިގެންފައެވެ.
ދޯހާގައި ކުރިއަށްދާ މަޝްވަރާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ހަމަލަ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކެކެވެ. ނަމަވެސް، ހުރުމުޒް ކަނޑުއޮޅިއާއި، ނިއުކްލިއާ މައްސަލައާއި، އަދި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތަކާ ގުޅޭގޮތުން ފަހުމުނާމާއެއް އެކުލަވާލުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދެ ފަރާތުން ބުނި ނަމަވެސް، އަވަސް ހައްލެއް ލިބިދާނެ ކަމާމެދު ދެ ގައުމުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.
މި ސިޔާސީ މަޝްވަރާތައް ކުރިއަށްދާއިރު، މަސްރަހު ވަނީ އަސްކަރީ ގޮތުން ނުތަނަވަސްވެފައެވެ. އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އުދުވާނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ކަނޑުގައި މައިން ވަޅުލުމަށް މަސައްކަތް ކުރި އުޅަނދުތަކަށާއި ރޮކެޓް ފޮނުވާ ތަންތަނަށެވެ.






