މީގެ 38 އަހަރު ފަހުން ދުނިޔޭގައި ތިބޭނީ މިހާރުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން

2064 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ ދެބައިކުޅަ އެއްބަޔަށް މަދުވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ. ދުނިޔެއަށް ދިމާވެދާނެ ތިމާވެށީގެ، ސިއްހީ ނުވަތަ ސިޔާސީ ކުއްލި ލޮޅުމެއްގެ ސަބަބުން 2064 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ ދެބައިކުޅަ އެއްބަޔަށް މަދުވެ، އާބާދީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ބުނާގޮތުން މިހާރު ދުނިޔޭގެ އާބާދީގައި 8.3 ބިލިއަން މީހުން ތިބި ނަމަވެސް، ބޮޑު ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ މި އަދަދު ވަރަށް ހަލުވިކަމާއެކު ދަށަށްދާނެއެވެ.

ދިރާސާ ކުރި ޓީމުން ބުނާ ގޮތުގައި، ދުނިޔެއަށް އުފުލޭނެ މީހުންގެ އަދަދު ކުއްލިއަކަށް 2 ބިލިއަނަށް ތިރިވެއްޖެ ނަމަ، އާބާދީ އިނދަޖެހިގެންދާނެ ކަމަށް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މިއީ ކޮންމެހެން ވާނެ ކަމެއްގެ ގޮތުގައި ކުރާ އަންދާޒާއެއް ނޫން ކަމަށާއި، މިއީ ކުއްލި ބަދަލުތަކަށް އިންސާނީ އާބާދީ ނާޒުކު މިންވަރު ދައްކައިދިނުމަށް ތައްޔާރުކުރި ރިޔާޒީ މޮޑެލްއެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

އާބާދީ މިފަދަ ގޮތަކަށް މަދުވެގެން ހިނގައިދާނެ މައިގަނޑު 4 ސަބަބެއް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މޫސުމީ ބޮޑު ކާރިސާއެއް ކުރިމަތިވުން، ކޮވިޑް ފަދަ ނުވަތަ އެއަށްވުރެ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުން، ބޮޑު ބައިނަލްއަގުވާމީ ހަނގުރާމައެއް ފެށުން، އަދި ކާބޯތަކެއްޗާއި ފެން ފަދަ ވަސީލަތްތައް މަދުވުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގައި އިންސާނުންނަށް ދެމިއޮވެވޭނެ މިންވަރު ވަރަށް ބޮޑަށް ދަށަށްދާނެއެވެ.

ވޭތުވެދިޔަ 12،000 އަހަރުގެ އާބާދީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުގެ އާބާދީގެ މިސްރާބު ހުރީ ނިސްބަތުން ހަމަޖެހިފައި ކަމަށް ދިރާސާއިން ދައްކައެވެ. ނަމަވެސް ދަރިމައިވުމުގެ ރޭޓް ދަށަށް ދިއުމަކީ މުސްތަގުބަލުގައި ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެކެވެ.

ކުރިން ގަބޫލުކުރެވުނު ގޮތުގައި އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް އަންހެނަކަށް 2.1 ކުދިން ބޭނުންވި ނަމަވެސް، އާ ދިރާސާތަކުން ދައްކާގޮތުގައި އެ އަދަދު މިހާރު ހުރީ 2.7 ގައެވެ. މިހާރު ހުޅަނގުގައި މި ރޭޓް 1.41 ގައި ހުރިއިރު، އެމެރިކާގައި ހުރީ 1.62 ގައެވެ.

މަޝްހޫރު މަހުޖަނު އީލޮން މާސްކް ވެސް ވަނީ އާބާދީ މަދުވުމުގެ ނުރައްކަލާ މެދު ތަކުރާރުކޮށް އިންޒާރު ދެއްވާފައެވެ. 14 ކުދިންގެ ބައްޕައެއް ކަމަށްވާ މާސްކް ގަބޫލުކުރައްވާ ގޮތުގައި އުފަންވާ ރޭޓް ދަށަށް ދިއުމަކީ އިންސާނީ ދަރިފަސްކޮޅަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.

އާބާދީ އިނދަޖެހިގެން ދިއުމުގެ މަރުހަލާއަކަށް މިހާރު ދުނިޔެ ގޮސްފައި ނުވި ނަމަވެސް، ކުއްލި ބޮޑު ކާރިސާއެއްގެ ސަބަބުން އިންސާނީ ތާރީޚުގެ މިސްރާބު ވަރަށް އަވަހަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!