އިނގިރޭސިވިލާތުގެ ތާރީޚުގައި މެއި މަހެއްގައި އެންމެ ހޫނުގަދަވި ދުވަހުގެ ގޮތުގައި މިއަދު ރެކޯޑް ކުރެވިއްޖެއެވެ. ހީތުރޯ އެއާޕޯޓާއި ކިއު ގާޑަންސް ސަރަހައްދުގެ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް މިއަދު އުފުލިފައިވާއިރު، މިއީ އިއްޔެ ގާއިމުކުރި ރެކޯޑް މުގުރާލި މިންވަރެކެވެ. މެޓް އޮފީހުން ބުނި ގޮތުގައި މީގެ ކުރިން މެއި މަހެއްގައި އެންމެ މައްޗަށް ހޫނު މިން ދިޔަ 32.8 ޑިގްރީ ސެލްސިއަސްގެ ރެކޯޑް މިވަނީ ޖެހިޖެހިގެން ދެ ދުވަހު މުގުރާލާފައެވެ.
މި ހޫނުގަދަވުމާއެކު މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ވަނީ އޮރެންޖް ހެލްތު އެލާޓް ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. މި ހޫނުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ރޭލު ދަތުރުތައް ކެންސަލްވުމާއި ލަސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުން ވަނީ ތާށިވެފައެވެ. ނެޓްވޯކް ރެއިލް އިން ހާމަކުރި ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ރޭލު ދަގަނޑުތައް ފުޅާވުމާއި ކަރަންޓު ކޭބަލްތަކަށް މައްސަލަ ދިމާވުމުގެ ފުރުސަތު އޮތުމުން، ރޭލުތަކުގެ ދުވެލި މަޑުކުރަން ވަނީ މަޖުބޫރުވެފައެވެ.
މި ހާލަތުގެ ސަބަބުން އާންމު ޚިދުމަތްތަކަށް ވަނީ ބާރުބޮޑުވެފައެވެ. ލަންޑަން އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހަކީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެންމެ ބާރުބޮޑުވި ދުވަހެވެ. މީގެ އިތުރުން، އުޅަނދުތަކުގެ އިންޖީނު ހޫނުވުމުގެ މައްސަލަތައް ކުރިމަތިވެ، އެހީތެރިކަމަށް އެދި ހުށަހެޅި މިންވަރު 20 އިންސައްތަ ވަނީ އިތުރުވެފައެވެ.
ހިތާމަވެރި ހާދިސާތަކެއް ވެސް މި ދުވަސްވަރު ވަނީ ހިނގާފައެވެ. މޫސުމާ ގުޅުންހުރި ހާދިސާތަކުގައި މަދުވެގެން ފަސް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވި 13 އަހަރާއި 15 އަހަރުގެ ދެ ކުދިން ހިމެނެއެވެ. ޔޫކޭ މެޓް އޮފީހުން ބުނާ ގޮތުގައި ރޭގަނޑުގެ ހޫނުމިން 21.3 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށަށް ނުދާތީ، މިއީ "ޓްރޮޕިކަލް ނައިޓް" އެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މޫސުމީ މާހިރުން ފާހަގަކުރާ ގޮތުގައި ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން މިފަދަ ހޫނު ރެކޯޑްތައް މުގުރާލުމުގެ ފުރުސަތު މިހާރު ތިން ގުނަ އިތުރެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ހޫނުމިން 36 ޑިގްރީ ސެލްސިއަސްއަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މެއި މަހެއްގައި މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ މިންވަރެކެވެ.




