ޗައިނާގެ އޮންލައިން ބްރޯކަރޭޖް ޕްލެޓްފޯމް "ފޫޓޫ ހޯލްޑިންގްސް" ގެ ބާނީ ލީފް ލީގެ މިލްކިއްޔާތުން އެއް ދުވަސް ތެރޭގައި ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ މުއސަނދިކަން އުނިވެ، 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެއްޖެއެވެ. މި ބޮޑު ހީނަރުކަން އައީ ބޭރު ގައުމުތަކުގެ ހިއްސާގެ ބާޒާރުގައި މުމަލާތްކުރުން ހަރުކަށިކޮށް، ގައުމުން ބޭރަށް ފައިސާ ދައުރުވުން ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ފެށި އައު ކެމްޕޭނަކާ ގުޅިގެންނެވެ.
ބްލޫމްބާގް ބިލިއަނަރ އިންޑެކްސް ދައްކާގޮތުން، ލީގެ މިލްކިއްޔާތު މިދިޔަ ހުކުރު ދުވަހާ ހަމައަށް ވަނީ 4.7 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އޭނާގެ މިލްކިއްޔާތުގައި ހުރި 10.1 ބިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ލީގެ މުއްސަނދިކަމުގެ ބޮޑު ބައެއް ބިނާވެފައިވަނީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ "ފޫޓޫ" ކުންފުނީގެ ހިއްސާގެ މައްޗަށެވެ. އެ ކުންފުނީގެ ހިއްސާގެ އަގު ހުކުރު ދުވަހު ވަނީ 28 އިންސައްތަ ވެއްޓިފައެވެ.
ޗައިނާގެ ރެގިއުލޭޓަރީ ފިޔަވަޅުތައް
ޗައިނާގެ ސެކިއުރިޓީޒް ރެގިއުލޭޓަރީ ކޮމިޝަނުން ބުނެފައިވަނީ، އެކަށީގެންވާ ލައިސަންސް ނެތި ޗައިނާގެ މައި ބިމުގައި މަސައްކަތް ކުރަމުންދާ "ފޫޓޫ" އަދި "ޓައިގާ ބްރޯކާސް" ފަދަ ކުންފުނިތަކަށް އަދަބު ދޭނެ ކަމަށެވެ. މިގޮތުން "ފޫޓޫ" ކުންފުނި 271 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުށަހަޅާފައެވެ. ޗައިނާ ސަރުކާރުގެ މަގްސަދަކީ ރައްޔިތުންގެ ފައިސާ ގައުމުން ބޭރަށް ދިޔަ ނުދީ، ގައުމުގެ އިގްތިސާދާއި އަމިއްލަ ކުންފުނިތަކަށް އެ ފައިސާ އިންވެސްޓް ކުރުވުމެވެ.
ޗައިނާގެ ގާނޫނުތައް ބުނާގޮތުން އެ ގައުމުގެ ރައްޔިތަކަށް އަހަރަކު ގައުމުން ބޭރަށް ފޮނުވޭނީ ގިނަވެގެން 50،000 ޑޮލަރެވެ. އަދި މި ފައިސާ ބޭރުގެ ހިއްސާގެ ބާޒާރުގައި ސީދާ އިންވެސްޓް ކުރުމަކީ އާންމުކޮށް ހުއްދަ ކަމެއް ނޫނެވެ. މި އައު ފިޔަވަޅުތަކާއެކު، ގިނަ އަދަދެއްގެ އިންވެސްޓަރުން ދަނީ ބޭރުގެ ބާޒާރުތަކުގައި ހުރި އެމީހުންގެ ހިއްސާތައް ވިއްކާލައި، ފައިސާ އަނބުރާ ގައުމަށް ގެންނަމުންނެވެ.
އިންވެސްޓަރުންގެ ކަންބޮޑުވުން
ބްލޫމްބާގަށް މައުލޫމާތު ދިން ބައެއް އިންވެސްޓަރުން ބުނިގޮތުގައި، ޗައިނާ ސަރުކާރުން ފައިސާ ބޭރުވުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމީހުންނަށް މަޖުބޫރުވަނީ ބޭރުގެ މާކެޓްތަކުން ވަކިވާށެވެ. "ޗައިނާ އޮތީ ފައިސާ ބޭރުވާތީ ކަންބޮޑުވެފައި، އެހެންވެ އެމީހުން އެ މަގުތައް ބަންދުކޮށް ފައިސާ އަނބުރާ ގައުމަށް ގެންނަން މަޖުބޫރު ކުރަނީ،" އެމެރިކާގައި މަސައްކަތްކުރާ ޗައިނާގެ މުވައްޒަފަކު ބުންޏެވެ.
މި ބަދަލުތަކާއެކު ބޭރުގެ ބޭންކުތަކަށް އޮތް ޑިމާންޑް ވަނީ ބޮޑުވެފައެވެ. ބައެއް އިންވެސްޓަރުން މިހާރު ދަނީ އެމީހުންގެ ހިއްސާގެ މުާމަލާތްތައް ހޮންކޮންގްގައި ހުންނަ ބޭންކް އޮފް ޗައިނާ ނުވަތަ އެޗްއެސްބީސީ ފަދަ ރަސްމީ ދާއިރާތަކަށް ބަދަލުކުރަމުންނެވެ. މިއީ ޗައިނާ ސަރުކާރުން ބޭނުންވާ ގޮތަށް، ރަސްމީ ނިޒާމުގެ ތެރެއިން އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.





