އީރާނު މީހުން ހެޕީ! އިންޓަރނެޓް މިހާރު ލިބޭ

އީރާނުގައި މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގާތްގަނޑަކަށް 88 ދުވަހަށްފަހު އިންޓަނެޓްގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށް އިންޓަނެޓް މޮނިޓާ ކުރާ ގްރޫޕެއް ކަމަށްވާ ނެޓްބްލޮކްސް އިން ބުނެފިއެވެ.

ނެޓްބްލޮކްސް އިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ މުޅިން ވަކިވެފައި އޮތުމަށްފަހު، މިހާރު ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓްގެ ޚިދުމަތް ބައެއް ގޮތްގޮތުން ލިބެން ފަށާފައެވެ. މިއީ ޒަމާނީ ތާރީހެއްގައި ގައުމެއްގައި މިހާ ދިގު މުއްދަތަކަށް އިންޓަނެޓް ކަނޑާލާފައި އޮތް ފުރަތަމަ ފަހަރެވެ.

މި ހިދުމަތް އަލުން ދޭން ފަށާފައި މިވަނީ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މުޅި ގައުމަށް އިންޓަނެޓްގެ ޚިދުމަތް އަލުން ދިނުމަށް ރިޔާސީ ގަރާރެއް ނެރުއްވިތާ އެއްދުވަސް ފަހުންނެވެ. މިކަން އީރާނުގެ މީޑިއާ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ސަރުކާރުން މީގެ ކުރިން އިންޓަނެޓް ކަނޑާލާފައިވަނީ ޔަހޫދީ ޒަޔަނސިްޓުންނާއި ސޮލީބީ އެމެރިކާގެ ދުއްޕާނާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވެގެން ދިއުމުންނެވެ. ނަމަވެސް، މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޓަނެޓްގެ ހިދުމަތް އަލުން ލިބެން ފެށި ނަމަވެސް، އަދިވެސް ބައެއް ސަރަހައްދުތަކުގައި ހިދުމަތް ފުރިހަމައަށް ނުލިބޭ ކަމަށާއި، ޚިދުމަތް މުޅިން އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ހިއްސާ ކުރައްވާ!