މަސްޖިދުލް އަޤްޞާގެ ބެލެނިވެރިކަން އުރުދުންގެ އަތުން އަތުލުމަށް އެމެރިކާއާއި އިސްރާއީލުން ރާވަމުންދާކަން ހާމަވެއްޖެ އެވެ. މަސްޖިދުލް އަޤްޞާގެ އިދާރީ އަދި ބެލެނިވެރިކަމުގެ ބާރުތައް އުރުދުންގެ އަތުން އަތުލުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ރާވަމުންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްޖިދުލްއަގްސާގެ ހިންގުން އިސްރާއީލުގެ މަޞްލަޙަތުތަކާ އެއްގޮތަށް ބަދަލުކުރުމެވެ.
މިޑްލް އީސްޓް އައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު އުރުދުންގެ ބެލުމުގެ ދަށުން ހިންގަމުންދާ އިސްލާމީ ވަޤްފް އޮތޯރިޓީ އުވާލައި، އާ އިދާރާއެއް އުފެއްދުމަށް ސޮލީބީ އެމެރިކާއާއި ސަހުޔޫނީ އިސްރާއީލުން ވަނީ ހުށަހަޅާފައެވެ.
މި އާ އިދާރާގެ ދަށުން މަސްޖިދުލް އަޤްޞާއަކީ ފަސޭހައިން ޔަހޫދީންނަށް އެ ތަނަށް އަތް ގަދަ ކުރުމަށްޓަކައި "ގިނަ ދީންތަކެއްގެ މަރުކަޒެއް" ކަމުގައި ކަނޑައެޅުމަށް ވަނީ ރާވާފައެވެ. މި ރޭވުމަށް އަރަބިނ އަމީރުންގެ ގާތް ރަހުމަތްތެރިކަމެއް ބާއްވާ އަދި އެމީހުންގެ ފައިސާ އިސްރާއީލުގައި އިންވެސްޓް ކޮށްދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރާއި އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީގެ ފުރިހަމަ ތާއީދު ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އާ އިންތިޒާމުގެ ދަށުން ޔަހޫދީންނަށް މަސްޖިދުލް އަޤްޞާއަށް އެއްވެސް ހުރަހަކާ ނުލައި އަޅުކަން ކުރުމަށް ވަދެވޭނެއެވެ. އަދި، ބޮޑެތި ގްރޫޕްތަކަށް ބަހާލައިގެން އެތަނުގައި ޔަހޫދީ ދީނީ އަޅުކަންތައް ފާޅުގައި ކުރުމުގެ ހުއްދަ ދެވޭނެއެވެ.
މީގެ އިތުރުން، މިސްކިތުގެ އިމާމުންނާއި، ޚަޠީބުން އަދި އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމާއި އިމާމުން ވަކި ކުރުމުގެ ބާރުވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ލިބޭނެއެވެ.
މީގެ އިތުރުން ހުކުރު ޚުޠުބާ ތައްޔާރު ކުރާނީ އިސްރާއީލުން އެކަމަށް އައްޔަން ކުރާ ކޮމިޓީއަކުންނެވެ. އަދި އެ ޚުތުބާގައި ހިމެނޭ ކޮންޓެންޓް ފާސްކުރުމުގައިވެސް އިސްރާއީލުގެ ބައިވެރިވުން އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ދެ އޮފިޝަލަކު މިޑްލް އީސްޓް އައި އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ވޮޝިންގްޓަނުން ވަނީ މަސްޖިދުލް އަޤްޞާގެ މުސްތަޤްބަލާ ގުޅޭ ދެލިކޮޕީއެއް ތައްޔާރުކޮށްފައެވެ. މި ލިޔުމުގައި އެތަނުގެ އިސްލާމީ ޝަޚްޞިއްޔަތު ނައްތާލައި، ބާއްވައި ލެއްވި 3 އިބްރާހީމީ ދީނުގެ މީހުންނަށް ޒިޔާރަތް ކުރެވޭ ފަދަ ޓޫރިސްޓް މަރުކަޒަކަށް އެތަން ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި މަޝްރޫޢާ ގުޅޭ މައުލޫމާތު ވަނީ އިސްރާއީލުގެ ސަހުޔޫނީ ފިކުރަށް ތާއިދުކުރާ ވެރިން ތިބޭ ބައެއް އަރަބި ގައުމުތަކަށް ދީފައެވެ. އެފަރާތުން ލިސްޓު ކުރި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ބަޙްރައިން، މިޞްރު، މޮރޮކޯ ހިމެނެއެވެ. މިމީހުންނަކީ ޣައްޒާގެ ޖެނޮސައިޑްގައި ހިމޭނުން ކުޅިބަލަން ތިބި މީހުންނެވެ.
ނަމަވެސް، އުރުދުންގެ ގާތް އެކުވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާއިން މި ހުށަހެޅުމާ ދެކޮޅު ހަދަމުންދާ ކަމަށް ޚަލީޖީ މަޞްދަރުތަކުން ބުނެއެވެ. "މި މަޝްރޫޢަކީ މީގެ 10 ވަރަކަށް އަހަރު ކުރިން އިސްރާއީލުން ޓްރަމްޕް ސަރުކާރަށް ހުށަހެޅި ކަމެއް،" ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރު މައިކް ހަކަބީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫޢު ތަންފީޒުކުރުމަށް ވޮޝިންގްޓަނަށް ބާރުއަޅަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެމެރިކާއިން ދަނީ އިބްރާހީމީ މުއާހަދާއަށް އަރަބިންނާއި ޕާކިސްތާން ވައްދައި ގުދުސް ގެ އިސްލާމީ ޝަޚުސިއްޔަތު ނަގާލައި އިސްރާއީލުން ބޭނުންވާ ގޮތަށް ވަށާ ޖެހޭ ސަހުޔޫނީ ސިޔާސަތެއް އެކުލަވާލަމުން ކަމަށް ވެއެވެ.






