ހަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު މުހައްމަދު އައުދާ ޝަހީދުކޮށްލައިފި

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ގައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު މުހައްމަދު އައުދާ އިޒްރޭލުން ދިން ވައިގެ ޓެރަރިސްޓް ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ނަތަންޔާހޫ އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ހަމާސް ޖަމާއަތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

އައުދާގެ އާއިލާގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، 'އަބޫ އަމްރޫ' ގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު އައުދާ ޝަހީދުވީ ޣައްޒާގެ ރިމާލް އަވަށުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދިން ހަމަލާއެއްގައެވެ. އޭނާގެ ހަށިގަނޑު އިމާރާތުގެ ދަށުން ނެގުމަށްފަހު މިހާރު ވަނީ ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ބުނެފައިވަނީ، މުހައްމަދު އައުދާ އަކީ އޮކްޓޫބަރު 7 ގެ ހަމަލާތަކުގައި ހަމާސްގެ އިންޓެލިޖެންސްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާ އަކީ މީގެ ދެ ހަފްތާ ކުރިން އިޒްރޭލުން ޝަހީދުކޮށްލި އިއްޒުއްދީން އަލް-ހައްދާދުގެ ބަދަލުގައި ކޮމާންޑަރުކަމަށް އައްޔަންކުރި ލީޑަރު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުން ތުހުމަތުކުރާ ގޮތުގައި އައުދާ އަކީ ކާމިޔާބު ހަމަލަތަކެއްގެ މޭސްތިރިއެކެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވި ގޮތުގައި، ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ހަނގުރާމަމަތީ ބޯޓަކުން 'އަލް-ކަޔާލީ' އިމާރާތުގެ މަތީ ދެ ފްލޯއަށް ފަސް މިސައިލް ފޮނުވާލާފައިވެއެވެ. މި ހަމަލާގައި މަދުވެގެން އެކަކު ޝަހީދުވެ، އިތުރު 10 މީހުން ޒަހަމްވެގެން ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހާލު ސީރިއަސް މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އިޒްރޭލުން ވަނީ ގައްސާމް ބްރިގޭޑްސްގެ އޭރުގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު ވެސް ޝަހީދުކޮށްލާފައެވެ. އެފަހަރު ހަމާސްއިން ވަނީ އޭނާ އަވަހާރަވިކަން ކަށަވަރުކޮށްދީ، އިޒްރޭލުން އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!