ޔަހޫދީ ޖެނޮސައިޑް ރެޖީމުން ފަލަސްތީނުގެ ދެ ދައުލަތުގެ ހައްލަކަށް އަމަލީ ގޮތުން މަސައްކަތް ނުކުރާނަމަ، އެމެރިކާއިން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ދޭ އަސްކަރީ އެހީތައް ހުއްޓާލުމަށް އެމެރިކާގެ ސެނެޓަރ ކްރިސް ފެން ހޮލެން ގޮވާލައްވައިފިއެވެ. ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓަރ ފެން ހޮލެން މިކަމަށް ގޮވާލެއްވީ ނިއުޔޯކް ޓައިމްސްގައި ޝާއިއުކުރި މަޒްމޫނެއް ގައެވެ.
ސެނެޓަރ ފެން ހޮލެން ވިދާޅުވި ގޮތުގައި، އެމެރިކާގެ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީން ވެސް ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމާއި ފަލަސްތީނުގެ މައްސަލައިގައި ފެއިލްވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާއިން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ދެމުންދަނީ އެއްވެސް ޝަރުތަކާ ނުލައި ދޭ "އިޚްތިޔާރީ" އެހީތަކެކެވެ. މީގެ ސަބަބުން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިޔާސަތުތައް އެމެރިކާގެ މަސްލަހަތާއި އަގުތަކާ ފުށުއެރި ނަމަވެސް އެކަން ހުއްޓުވުމަށް އެމެރިކާއަށް ވަނީ ނުކުޅެދިފައެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ދޭ އަސްކަރީ އެހީތަކާ ގުޅޭގޮތުން ސެނެޓަރ ހުށަހެޅުއްވީ، ދެ ދައުލަތުގެ ހައްލު ގާއިމުކުރުމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ސާފު ތާވަލެއް އެކުލަވާނުލާހާ ހިނދަކު އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ދޭ އަސްކަރީ އެހީތައް މެދުކަނޑާލުމަށެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ހަމަނުޖެހުން ހިންގާ ހަރުކަށި ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ވަޒަންވެރިންނާއި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
ސެނެޓަރ ފެން ހޮލެން ތުހުމަތު ކުރެއްވި ގޮތުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމަުގެ މިހާރުގެ ސަރުކާރުން އަސްކަރީ ބާރު ބޭނުންކުރަނީ ހަމައެކަނި އަމިއްލަ ދިފާއަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ބާރުގެ ބޭނުން ހިފަނީ ދެ ދައުލަތުގެ ހައްލު "ވަޅުލައި"، ފަލަސްތީނުގެ ދައުލަތެއް އުފެދުމަށް ހުރަސްއެޅުމަށެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ އަމަލުތައް އޭނާ ސިފަކުރެއްވީ "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ނިޒާމެއްގެ ގޮތުގައެވެ.
ބައިޑަން އަދި ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔުން
މި މަޒުމޫނުގައި ސެނެޓަރ ވަނީ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖޯ ބައިޑަންގެ ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފައެވެ. ޓްރަމްޕްގެ ސަރުކާރުން އެމެރިކާ އެމްބަސީ ހިފާފައިވާ ގުދުސްއަށް ބަދަލުކުރުމާއި ފަލަސްތީނުގެ މިޝަން ބަންދުކުރުމަކީ ސިޔާސީ ހައްލަކަށް އޮތް ފުރުސަތު ހަނިވެގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އޮކްޓޫބަރު 7 ގެ ހަމަލާއަށްފަހު ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުން ދާ އިންސާނީ ކާރިސާ ހުއްޓުވުމަށް އެމެރިކާގެ ނުފޫޒު ބޭނުންކޮށްފައި ނުވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސެނެޓަރ ވިދާޅުވަނީ، ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ މަގާމުތައް ފެއިލްވެފައިވާ ކަމަށެވެ. އަދި ޣައްޒާގެ ހަނގުރާމައާއި ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ދޭ އެހީތަކާ މެދު ސާފު އަދި އަޚްލާގީ ގޮތުން ރަނގަޅު ސިޔާސަތެއް ނުގެންގުޅޭ އެއްވެސް ކެންޑިޑޭޓަކަށް ޒުވާން ވޯޓުލާ މީހުންނާއި ކުރިއަރަމުން އަންނަ ފިކުރުގެ މީހުން އިތުބާރު ނުކުރާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.





