ޝައްކާއި ހަސަދައިގެ ސަބަބުން އެމެރިކާގެ އެރިޒޯނާގައި މަންމައަކު ދެ ދަރިން މަރާލައި އަމިއްލައަށް މަރުވެއްޖެ އެވެ. މިކަން ހިނގީ އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައެވެ. އުމުރުން 38 އަހަރުގެ އަންޑްރިއާ ކްލެރިސް ޑޭވިސް ނަމަކަށް ކިޔާ އަންހެނަކު، އޭނާގެ ފިރިމީހާއާ އެކު ބާރެއްގެ ބޭރުގައި ހުރި އަންހެނަކަށް ބަޑިން ހަމަލާދިނުމަށްފަހު، ގެއަށް ގޮސް އޭނާގެ ދެ ދަރިން މަރާލައި އަމިއްލައަށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. އަންޑްރިއާ ވަނީ ގްލެންޑޭލް ސިޓީގައި ހުންނަ 'ޓެއިލްގޭޓާސް' ސްޕޯޓްސް ބާރަށް ގޮސް، އޭނާގެ ފިރިމީހާ ނޯލަން ޑޭވިސް (39 އަހަރު) އާއި އޭނާއާއެކު ހުރި 36 އަހަރުގެ އަންހެނަކަށް އަމާޒުކޮށް ބަޑިޖަހާފައެވެ. މި ހަމަލާގައި އެ އަންހެން މީހާގެ ފުއްކިބަޔަށް ވަޒަން އަރާފައިވީ ނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކާ ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހަމަލާއަށްފަހު އަންޑްރިއާ ގެއަށް ގޮސް، އޭނާގެ ފިރިމީހާއަށް ބިރުވެރި މެސެޖެއް ފޮނުވިއެވެ. އެ މެސެޖުގައި ދެ ދަރިންނަށް އަނިޔާކުރާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެއް ކުއްޖެއްގެ ބޮލުން ލޭ އަންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ ފޮނުވާފައެވެ. ފިރިމީހާ ވަގުތުން ފުލުހުންނަށް މިކަން އެންގުމުން، ފީނިކްސް ފުލުހުން އެ ގެއަށް ވަދެ ބެލިއިރު، އަންޑްރިއާ އާއި އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު އޯސްޓިން އަދި 18 މަހުގެ އަންޑޫލަން މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.
މި ހާދިސާގެ ފަހަތުގައިވަނީ އާއިލީ މައްސަލަތަކެއް ކަމަށް ބެލެވެއެވެ. އަންޑްރިއާގެ ގާތް އެކުވެރިއެއް ކަމަށްވާ އެމީ ބަވަރސް ބުނި ގޮތުގައި، އަންޑްރިއާގެ ފިރިމީހާ އޭނާގެ މަސައްކަތު ބައިވެރިއަކާ ސިއްރު ގުޅުމެއް ބާއްވާ ކަމަށް ޝައްކު ކުރެވި، އަންޑްރިއާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި ފިރިމީހާ އޭނާ ދޫކޮށްލާފައި ދާން އުޅޭ ކަމުގެ އިހުސާސް ކުރެވުމުން އޭނާ ވަނީ އެހީތެރިކަމަށް އެދި އާންމުކޮށް ގޮވާލާފައެވެ.
ފުލުހުން ބުނި ގޮތުގައި މި އާއިލާއަކީ މީގެ ކުރިން ގެވެށި އަނިޔާގެ އެއްވެސް ރެކޯޑެއް އޮތް އާއިލާއެއް ނޫނެވެ. މިހާރު ދަނީ ބަޑިޖެހި ހާދިސާއާއި މަރުގެ މައްސަލަ ވަކިވަކިން ތަހުގީގު ކުރަމުންނެވެ. ފުލުހުން އިތުރަށް ބުނީ ފިރިމީހާއާއެކު ހުރި އަންހެން މީހާއާ އޮތް ގުޅުން އަދި ސާފުނުވާ ކަމަށާއި، ނަމަވެސް އެއީ ކުރިން ދަންނަ ބައެއްކަން އެނގިފައިވާ ކަމަށެވެ.







