އައިފޯން 20 އާއެކު އެޕަލްގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަނީ

އެޕަލްގެ އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "އައިފޯން 20″ ނުވަތަ "އައިފޯން XX" އަކީ ފޯނުގެ ފަރުމާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފޯނެއް ކަމަށް ފަހުގެ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ލީކްތަކާ ހަވާލާދީ ބުނާގޮތުގައި، މި ފޯނު ވެގެންދާނީ މިހާތަނަށް އައިފޯނުގެ ތާރީޚުގައިވެސް ފެންނާނެ އެންމެ ތަފާތު އަދި މުސްތަގުބަލަށް އަމާޒުކޮށްފައިވާ ފޯނަށެވެ.

މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އޭގެ ސްކްރީނެވެ. މަޝްހޫރު ޓެކް ބްލޮގަރ ޖޯން ޕްރޮސަރ ހާމަކޮށްފައިވާ ގޮތުގައި، އެޕަލް އިން ދަނީ ފޯނުގެ ހަތަރު ފަރާތަށް ލެނބިފައިވާ ސްކްރީނެއް ޓެސްޓު ކުރަމުންނެވެ. މީގެ ސަބަބުން ފޯނުގެ އަރިމަތީގެ ބޯޑަރުތައް ނުފެންނާނެ ކަމަށާއި، މުޅި ފޯނަކީ އެއްކޮށް ބިއްލޫރިގަނޑެއް ފަދަ އޮމާން ފަރުމާއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ އައިފޯން 12 އިން ފެށިގެން ބޭނުންކުރަމުން އައި ތޫނު އަރިމަތިތަކުގެ ބަދަލުގައި ގެންނަ ވަރަށް ބޮޑު ބަދަލެކެވެ.

ސްކްރީނުގެ ދަށުގައި ހުރިހާ ސެންސަރުތަކެއް

އައިފޯން 20 ގެ އަނެއް މުހިންމު ބަދަލަކީ ސްކްރީނުގެ ދަށަށް ފޭސް އައިޑީ ސިސްޓަމް ބަދަލުކުރުމެވެ. މި ބަދަލާއެކު މިހާރު ފެންނަން ހުންނަ "ޑައިނަމިކް އައިލެންޑް" ކުޑަވެ، ހަމައެކަނި ކެމެރާއަށް ޚާއްޞަ ކުޑަ ލޯވަޅެއް ފިޔަވައި މުޅި ސްކްރީން އެއްކޮށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން "ކަލަރ ފިލްޓަރ އޮން އެންކެޕްސިއުލޭޝަން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްކްރީން މިހާރަށްވުރެ ތުނިކޮށް، ކަރަންޓު ޚަރަދު ކުޑަކޮށް އަދި ސާފުކޮށް ފެންނާނެ ގޮތް ހެދުމަށް އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކެމެރާ އަދި ފިތްތަކަށް އަންނަ ބަދަލުތައް

ލީކުވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި ހުންނާނީ އެންމެ ދެ ކެމެރާއެވެ. މިއީ މިހާރުގެ ޕްރޯ މޮޑެލްތަކުގައި ހުންނަ ތިން ކެމެރާއަށްވުރެ މަދު އަދަދެއް ނަމަވެސް، މި ކެމެރާތަކުގައި ބޭނުންކުރާނީ އެންމެ ފަހުގެ "ލޮފިކް" ޓެކްނޮލޮޖީއެވެ. މީގެ ސަބަބުން އަލި މަޑު ތަންތަނުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ. އަދި ފޯނުގެ އަރިމަތީގައި ހުންނަ އާދައިގެ ފިތްތަކުގެ ބަދަލުގައި، އަތްލުމުން އިހުސާސްވާ ކަހަލަ "ސޮލިޑް-ސްޓޭޓް" ފިތްތަކެއް ބޭނުންކުރުމުގެ ފުރުސަތު ބޮޑެވެ.

މި ހުރިހާ ތަފްސީލަކީ މިހާރު ޓެސްޓު ކުރެވެމުންދާ މަރުހަލާގެ މައުލޫމާތު ކަމަށްވުމުން، 2027 ވަނަ އަހަރު ފޯނު ބާޒާރަށް ނެރޭއިރު ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ބަދަލުތައް ހަގީގަތަކަށް ވެއްޖެނަމަ، މިއީ އައިފޯން ބޭނުންކުރާ ފަރާތްތަކުން އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަމުން އައި ބޮޑު ބަދަލަކަށް ވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!