އެމެރިކާއާއެކު އަލުން ހަނގުރާމައެއް ފަށައިފިނަމަ، އީރާނުގެ އައްސޭރިފަށަކީ އިސްތިއުމާރީ ބާރުތަކުގެ ކަށްވަޅަކަށް ވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ ކަމަށް ތެހެރާނުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އައިއާރުޖީސީ ނޭވީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް މުޙައްމަދު އަކްބަރުޒާދާ ވިދާޅުވީ، ޑިޕްލޮމެޓިކް މަސައްކަތްތަކާއި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އީރާނުގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. "ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑައީ ދުޝްމަނުންގެ ބަލިކަށިކަމުގެ ސަބަބުން، ނަމަވެސް ސިފައިން މިތިބީ ފާރައަށް" ކަމަށް އޭނާ އީރާން ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އަކްބަރުޒާދާ އިތުރަށް ވިދާޅުވީ ޗާބަރާއި މަހްޝަހްރާ ދެމެދު އޮތް އައްސޭރިފަށަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ އިމާމްގެ އެޑްވައިޒަރަކު ވިދާޅުވީ، އެމެރިކާއާއެކު ކުރެވޭ އެއްބަސްވުންތަކުގައި ހުންނަ ސޮޔާއި ކަރުދާސްތަކަކީ މިހާރު އިތުބާރު ހުރި ގެރެންޓީތަކެއް ކަމަށް ތެހެރާނުން ނުދެކޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެބިނެޓާ ބައްދަލުކުރައްވަން ތައްޔާރުވަމުންދާއިރު، އީރާނުގެ ނިއުކްލިއާ ގާބިލުކަން ކޮންޓްރޯލު ކޮށް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން އުއްމީދު ކުރެއެވެ. ނަމަވެސް، އެމެރިކާގެ ސެނެޓަރު މާކް ވާނާ ވަނީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު އަނެއްކާވެސް ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް ވަންނަމުންދާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި ފާއިތުވި ގަޑިއިރުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 31 މީހުން މަރުވެ 40 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ދަނީ ލުބުނާނުގެ ދެކުނުގައި އެމީހުންގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ.






