އަނބިންނަކީ ނޯކަރުންނެއް ނޫން: ގޭގެ މަސައްކަތަށް ނޫނެކޭ ބުނެވިދާނެ: ހައިކޯޓު

އަނބިމީހާ ގޭތެރޭގެ މަސައްކަތްތައް ކަމަށްވާ ކެއްކުމާއި ސާފުކުރުން ފަދަ ކަންކަން ކުރުމަށް އިންކާރު ކުރުމަކީ ފިރިމީހާއަށް ކުރާ އަނިޔާއެއް ނޫން ކަމަށާއި، ކައިވެންޏަކީ ހަމަހަމަ ކަމާއެކު ދެމީހުންގެ މެދުގައި އޮންނަ ގުޅުމެއް ކަމަށް ބޮމްބޭ ހައިކޯޓުން ކަނޑައަޅައިފިއެވެ. މި މުހިންމު ނިންމުން ނިންމާފައިވަނީ ޖަސްޓިސް ބާރްތީ ދަންގްރޭ އަދި ޖަސްޓިސް މަންޖޫޝާ ދޭޝްޕާންޑޭ ހިމެނޭ ބެންޗަކުންނެވެ.

މި މައްސަލައަކީ ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފިރިމީހާ، އޭނާގެ އަނބިމީހާ ގޭގެ މަސައްކަތް ނުކުރާ ކަމަށާއި މައިންބަފައިންނަށް ކިޔަމަން ނުވާ ކަމަށް ބުނެ ވަރިވުމަށް ހުށަހެޅި މައްސަލައެކެވެ. ފެމިލީ ކޯޓުން ކުރިން ވަނީ ފިރިމީހާއަށް ކާމިޔާބުވާ ގޮތަށް ވަރި ސާބިތުކޮށްދީފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، އަނބިމީހާއަށް މަހަކު 20,000 ރުޕީސް ޚަރަދުގެ ގޮތުގައި ދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކޮށްފައެވެ.

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ ﴿228﴾
އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤު ވެގެން ވެއެވެ. (އަލްބަޤަރާ)

ކައިވެންޏަކީ ޚިދުމަތް ކުރުމަށް އެދި ހަދާ ކޮންޓްރެކްޓެއް ނޫން

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ "ކައިވެންޏަކީ ހަމަހަމަ ދެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުމެއް ކަމަށާއި، އެއީ ޚިދުމަތް ހޯދުމަށް ސޮއިކުރާ ކޮންޓްރެކްޓެއް ނޫން" ކަމަށެވެ. އަދި އަނބިންނަކީ ގޭގައި މަސައްކަތް ކުރަން ތިބޭ ނޯކަރުން ނުވަތަ 'މެއިޑުން' ކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ. އެހެންކަމުން ގޭގެ މަސައްކަތް ނުކުރުމަކީ ނަފްސާނީ ގޮތުން ދޭ އަނިޔާއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ބެންޗުން ނިންމިއެވެ.

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿21﴾
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (އައްރޫމް)

މި ދެމަފިރިން ކައިވެނިކޮށްފައިވަނީ 2002 ވަނަ އަހަރުގައެވެ. ނަމަވެސް ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ޖެހި، އަނބިމީހާ ވަނީ އޭނާގެ މައިންބަފައިންގެ ގެއަށް ބަދަލުވެފައެވެ. ފިރިމީހާ ބުނަނީ އަނބިމީހާ އޭނާގެ މައިންބަފައިންނަށް އިހުތިރާމް ނުކުރާ ކަމަށާއި ކައްކަން ނޭނގޭ ކަމަށެވެ. ނަމަވެސް އަނބިމީހާ ބުނެފައިވަނީ ފިރިމީހާގެ އާއިލާއިން ރަނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާއާއި ގަހަނާއަށް އެދި ފިއްތުންތައް ކުރިމަތިކުރުވާ ކަމަށެވެ.

އަނބިމީހާއަށް ޚަރަދު ދިނުމާ ދެކޮޅަށް ފިރިމީހާ ދެއްކި އުޒުރަކީ އަނބިމީހާއަކީ އަމިއްލައަށް ކުރެހުމާއި އާޓް ކްލާސްތައް ހިންގައިގެން އާމްދަނީ ހޯދާ މީހެއް ކަމަށެވެ. ނަމަވެސް ކޯޓުން ނިންމީ ފިރިމީހާއަކީ ޗާޓަރޑް އެކައުންޓެންޓަކަށް ވުމުން އޭނާގެ މާލީ ގާބިލްކަން ބޮޑުވާނެ ކަމަށެވެ. "ތަކެތީގެ އަގު ބޮޑުވަމުންދާ މި ދުވަސްވަރު، އަނބިމީހާއަށް އިއްޒަތްތެރި ދިރިއުޅުމެއް އުޅެވޭނެ މިންވަރަށް ޚަރަދު ދޭންޖެހޭނެ" ކަމަށް ކޯޓުން ބުންޏެވެ.

ހިއްސާ ކުރައްވާ!