އަރަބިން ތިބީ ކައިގެން، ފަލަސްޠީނު މީހުންނަށް އީދުގައިވެސް މަސްކޮޅެއް ނުލިބޭ

ޣައްޒާގެ ރައްޔިތުން މިއަހަރުގެ އަޟްޙާ އީދާ ކުރިމަތިލަނީ ހަނގުރާމައާއި ހިސާރުގެ ސަބަބުން ކުރިމަތިވެފައިވާ ނުހަނު ދަތި އުނދަގޫ ހާލަތެއްގައެވެ. މުދަލުގެ އަގު އިންތިހާއަށް އުފުލި، ބާޒާރުން ގެރިބަކަރި ލިބުން ދަތިވުމުގެ ސަބަބުން، އީދުގައި އުުަޟްޙިޔާ ކަތިލުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ޝަރުޢީ ގާޒީ ޢުމަރު ނައުފަލް ވިދާޅުވި ގޮތުގައި، އިސްލާމީ ޝަރީޢަތުގައި އުޟްޙިޔާ ކަތިލުމަކީ ހަމައެކަނި ގެރި، ބަކަރި އަދި ޖަމަލުން ކުރެވޭ ކަމެކެވެ. އަދި ޣައްޒާގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ އިންސާނީ ކާރިސާގެ ސަބަބުން، ކުޅަދާނަކަން ނެތް މީހުންގެ ކިބައިން މި ސުންނަތް ކެނޑިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މާތްﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވާނެ،" ނައުފަލް ވިދާޅުވިއެވެ.

އުޟްޙިޔާގެ ބަދަލުގައި ކުކުޅު ނުވަތަ ގަނޑުކުރި މަސް ބެހުމަކީ ޝަރުޢީ ގޮތުން އުޟްޙިޔާގެ ދަރަޖަ ލިބޭނެ ކަމެއް ނޫން ނަމަވެސް، އެއީ މިފަދަ ދަތި ވަގުތެއްގައި ކުރެވޭ ވަރަށް މަތިވެރި ސަދަގާތެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. މިގޮތުން ޣައްޒާގެ ރައްޔިތެއް ކަމަށްވާ ޔާސިރު އައްސުލްޠާން ކިޔައިދިން ގޮތުގައި، ދިރިހުރި ޖަނަވާރެއް ގަނެވޭނެ ތަނަވަސްކަން ނެތުމުން، އޭނާ ގަސްދުކުރަނީ ގަނޑުކުރި މަސް ގަނެގެން އަވަށްޓެރިންނަށް ބެހުމަށެވެ.

ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި މީހުންގެ މެދުގައިވެސް ހިތާމަވެރި ވާހަކަތައް އެބަހުއްޓެވެ. އުންމުލް ޙަސަން އަލްޚަލީލީ ބުނި ގޮތުގައި، އީދުގެ އުފާވެރިކަން މިއަހަރު އިހުސާސެއް ނުކުރެވެއެވެ. ކުޑަކުދިން މަހާއި މީރު ކާތަކެއްޗަށް އެދި ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. ނަމަވެސް، އޭނާ ވަނީ އަތުގައި ހުރި ފުށްކޮޅުން ރޮށި ފިހެ، އަވަށްޓެރި އާއިލާތަކަށް ބަހައި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު ދައްކުވައިދީފައެވެ.

ޣައްޒާގެ މަގުތަކުންނާއި މައިދާންތަކުން މިއަހަރު ގެރިބަކަރި ފެންނަން ނެތް ނަމަވެސް، އެ ރައްޔިތުންގެ މެދުގައި އޮތް އޯގާތެރިކަމާއި އެހީތެރިވުމުގެ ސިފަ ބަދަލެއް ނުވެއެވެ. އަރަބިން ކައިގެން ތިބި އިރު ހަނގުރާމައާއި ބަނޑުހައިހޫނުކަމުގެ ތެރޭގައިވެސް، ޣައްޒާގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ އިންސާނީ ކަރާމާތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ.

ހިއްސާ ކުރައްވާ!