އިންތިގާލީ ވިޔަފާރީގެ އެއްބަސްވުން ނިންމުމަށް އެމެރިކާގެ ވަފުދެއް ޖޫން މަހު އިންޑިއާއަށް

އިންޑިއާ އާއި އެމެރިކާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ އިންތިގާލީ ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، އެމެރިކާގެ ވަފުދެއް ޖޫން މަހުގެ 1 އިން 4 އަށް އިންޑިއާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ހާމަކުރެއްވި ގޮތުގައި، މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ އެއްބަސްވުމުގެ މުހިންމު ތަފްސީލުތައް ނިންމުމާއި، ދެ ގައުމުގެ ދެމެދުގައިވާ ފުޅާ ދާއިރާއެއްގެ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އިންޑިއާ އެމެރކާގެ މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ޓެރިފް ނޫން ހުރަސްތައް ނައްތާލުމާއި، ކަސްޓަމްސް އަދި ވިޔަފާރި ފަސޭހަކޮށްދިނުމުގެ އިތުރުން، އިންވެސްޓްމަންޓް ޕްރޮމޯޝަން އަދި އިގްތިސާދީ ސަލާމަތާ ގުޅޭ ކަންކަމުގެ މައްޗަށެވެ.

އިންޑިއާ އާއި އެމެރިކާއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އިންތިގާލީ ވިޔަފާރީގެ އެއްބަސްވުމެއްގެ އޮނިގަނޑަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ މަގްސަދަކީ ދެ ގައުމަށް ވެސް ފައިދާހުރި ގޮތެއްގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށް ހިތްވަރު ދިނުމެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައިވާ ފުޅާ ދާއިރާއެއްގެ ބައިލެޓަރަލް ޓްރޭޑް އެގްރީމަންޓް އާ ގުޅޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވަނީ އަލުން އެއްބަސްވެފައެވެ. މި މަސައްކަތުގެ ދަށުން، އިންޑިއާގެ ވަފުދެއް ވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް 20 އިން 23 އަށް ވޮޝިންޓަން ޑީސީއަށް ޒިޔާރަތްކޮށް، އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފައެވެ.

ކުރިއަށް އޮތް ޒިޔާރަތުގައި އެމެރިކާގެ ޓީމު އިސްކޮށް ހުންނަވާނީ އެ ގައުމުގެ ޗީފް ނެގޯޝިއޭޓަރެވެ. ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، "މި ޒިޔާރަތުގެ ސަބަބުން އިންތިގާލީ އެއްބަސްވުމުގެ ތަފްސީލުތައް ފައިނަލް ކުރުމަށާއި، ބީޓީއޭގެ ދަށުން މާކެޓް އެކްސެސް އާއި އިގްތިސާދީ ސަލާމަތް ފަދަ ގިނަ ދާއިރާތަކަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ" އެވެ.

ހިއްސާ ކުރައްވާ!