އީރާނުގެ ޔުރޭނިއަމް ރިޒާވް ނުވަތަ ރައްކާކުރެވިފައި ހުރި ޔުރޭނިއަމްގެ މިންވަރާ ބެހޭ މައްސަލައަކީ އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ އެޖެންޑާގައި ހިމެނޭ ކަމެއް ނޫން ކަމަށް އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލީ ބާގިރީ ވިދާޅުވެއްޖެއެވެ.
ރަޝިއާގައި ބޭއްވުނު ސަލާމަތީ ކަންކަމާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަމުން ބާގިރީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު ކުރިއަށްދާ ވާހަކަތަކުގައި ޔުރޭނިއަމް ރިޒާވްގެ މައުޟޫއު ހިމަނާފައި ނުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ އިތުރަށް ވިދާޅުވީ، "މި މައުޟޫއަކީ މަޝްވަރާތަކުގެ އެޖެންޑާގެ ތެރޭގައި ހިމެނިގެން ބަހުސް ކުރެވެމުންދާ ކަމެއް ނޫން" ކަމަށެވެ.
އީރާނުގެ ރަސްމީ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.






