އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ވައިޓް ހައުސްއިން ދޮގުކޮށްފި

އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލާފައިވާ ކަމަށް ބުނެ އީރާނުގެ ދައުލަތުގެ މީޑިއާއިން ފެތުރި ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ. ވައިޓް ހައުސްއިން ވަނީ އެއީ އެއްވެސް އަސާސެއް ނެތް، މުޅިން ހަދައިގެން އުޅޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އެކުލަވާލި ކަމަށް ބުނާ ފަހުމުނާމާގެ ދަށުން ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ބަލަހައްޓާނީ އީރާނުންނެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ވިޔަފާރި ދަތުރުފަތުރުތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ރަސްމީ އެކްސް އެކައުންޓުން ބުނެފައިވަނީ، "އީރާނުގެ މީޑިއާގެ މި ރިޕޯޓަކީ ތެދެއް ނޫން، އަދި އެމީހުން ޝާއިއުކޮށްފައިވާ ފަހުމުނާމާއަކީ މުޅިން ފޭކު އެއްޗެއް" ކަމަށެވެ. އަދި އީރާނުގެ ދައުލަތުގެ މީޑިއާއިން ފަތުރާ ޚަބަރުތައް އެއްވެސް ފަރާތަކުން ގަބޫލުނުކުރުމަށްވެސް ވައިޓް ހައުސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޓްރަމްޕަކީވެސް އާންމު ގޮތެއްގައި ފޭކް ޚަބަރު ފަތުރާ މީހެކެވެ.، އޭނާ ދަންވަރު ނުނިދިގެން އޮންނަ އިރު ފޭކް ޚަބަރު ފަތުރާކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ މީޑިއާ ރިޕޯޓްކުރި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އަސްކަރީ ފައުޖުތައް އީރާނުގެ ސަރަހައްދާ ދުރަށް ޖެއްސުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދޫކޮށްނުލާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އީރާނުގެ އައި.އާރު.އައި.ބީ ނެޓްވޯކުން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓްރޯލް ކުރާނީ އީރާނާއި އޮމާން ގުޅިގެންނެވެ. އަދި މިކަމުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ މި ހުރިހާ ވާހަކަތަކެއް ރަސްމީކޮށް ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!