ހިޖުރަވެރިންނަށް ދުއްޕާން ކުރުމުގެ އަމަލުތައް އިންތިހާއަށް އިތުރު ވެފައިވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމަކަށް މަގާމުން ވަކިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ ކުރީގެ އެޓާނީ ޖެނެރަލް (ސެކްރެޓަރީ އޮފް ޖަސްޓިސް) ޕޭމް ބޮންޑީއަށް ތައިރޮއިޑް ކެންސަރު ޖެހިފައިވާކަން ހާމަވެއްޖެއެވެ.
އެމެރިކާގެ ނޫސްވެބްސައިޓެއް ކަމަށްވާ އެކްސިއޯސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 60 އަހަރުގެ ބޮންޑީ މިހާރު ވަނީ މި ބައްޔަށް ފަރުވާ ހޯދުމުގެ މަރުހަލާގައެވެ. މި މަޢުލޫމާތު ހާމަވެފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ އެޑްވައިޒަރީ ކޮމިޓީއެއްގެ މެންބަރަކަށް ބޮންޑީ އައްޔަންކުރުމަށް ރައީސް ޓްރަމްޕް ނިންމަވާފައިވާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އެކްސިއޯސްއިން ބުނާ ގޮތުގައި ބޮންޑީ ގުޅިވަޑައިގަންނަވާނީ ސައިންސް އެންޑް ޓެކްނޮލޮޖީއާ ބެހޭ ރައީސްގެ މުޝީރުންގެ މަޖިލިސް އާއެވެ.
ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި ތައިރޮއިޑް ކެންސަރު ޖެހޭ ގިނަ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމުން ބަލިން މުޅިން ފަސޭހަވެއެވެ. މި ބަލީގައި ފަސް އަހަރު ދުވަހު ދިރިހުރުމުގެ ފުރުސަތު 98 އިންސައްތައަށްވުރެ މަތިވުމާއެކު، މިއީ ފަރުވާކޮށްގެން ރަނގަޅުވުމުގެ އުންމީދު ވަރަށް ބޮޑު ބައްޔެކެވެ.
މީގެ ކުރިން ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވައިޓް ހައުސްގެ އިސް މަގާމެއް ފުރުއްވި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާވެސް ވަނީ ސިއްރިއްޔާތުގައި ތައިރޮއިޑް ކެންސަރާ ހަނގުރާމަކުރައްވާފައެވެ. ކުޝްނާ ވަނީ 2022 ވަނަ އަހަރު ދެވަނަ ފަހަރަށް ތައިރޮއިޑް ސާޖަރީއެއް ކުރައްވާފައެވެ.
މަގާމުން ވަކިކުރެވުނު ނަމަވެސް، ބޮންޑީ ވަނީ ރައީސް ޓްރަމްޕަށްޓަކައި މަސައްކަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވެފައެވެ.





