ބަކަރި ހުއިހައްޕާ މީހުން ހޯދަން އިއުލާނެއް ޖެހުމުން 700 މީހުން ހުށަހަޅައިފި

ޗައިނާގެ ދެކުނު މޮންގޯލިއާގެ ދުރު ހިސާބެއްގައި އޮންނަ ދަނޑެއްގައި ބަކަރި ހުއިހައްޕާނެ ވަޒީފާއަށް މީހުން ހޯދުމަށް ކުރި އިޢުލާނަކަށް ބޮޑު ތަރުހީބެއް ލިބި، އެކަން މުޅި ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ. ދަނޑުގެ ވެރިޔާ ޗުއޯ ޝިއާއޯޔޮންގް ހުޅުވާލީ ދެ މަގާމަށެވެ. ނަމަވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.

މި 2 މަގާމަށް ކުރިމަތިލީ މީހުންގެ ތެރޭގައި ޝަންހާއީ އާއި ޗޮންގްކިންގް ފަދަ ބޮޑެތި ސިޓީތަކުގެ ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުންނާއި، ފެކްޓްރީ މަސައްކަތްތެރިންގެ އިތުރުން ޔުނިވަރސިޓީ ގްރެޖުއޭޓުން ވެސް ހިމެނެއެވެ. ޗައިނާގެ އެކްސް އާ އެއްފަދަ ޕްލެޓްފޯމެއް ކަމަށްވާ ވޭބޯގައި މި އިޢުލާނަށް މަދު ގަޑިއިރުތަކެއްގެ ތެރޭގައި 59 މިލިއަން ވިއުސް ލިބިފައިވެއެވެ.

ވަޒީފާގެ ބާޒާރުގެ ދަތިކަން ހާމަވެގެންދިޔަ ކަމެއް

ދަނޑުގެ ވެރިޔާ ޗުއޯ ބުނި ގޮތުގައި މިހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. "އާދައިގެ މީހުންނަށް ވަޒީފާ ހޯދުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަން މީގެން އެނގިގެންދޭ،" އޭނާ ބުންޏެވެ. ކުރިމަތިލީ މީހުންގެ ތެރެއިން ދިހަބައިކުޅަ އެއްބައި މީހުންނަކީ ދާދި ފަހުން ޔުނިވަރސިޓީ ނިންމި ކުދިންނެވެ. އަދި އަނެއްބައި މީހުންނަކީ ދަރަނިވެރިވެފައިވާ މީހުންނާއި، އޮފީސްތަކުގެ ސިޔާސީ ކަންކަމުން ވަރުބަލިވެފައިވާ މީހުންނެވެ.

މި މަގާމަށް ކުރިމަތިލީ 28 އަހަރުގެ ވޫ ބުނީ އޭނާ ބޭނުންވަނީ ސިޓީގެ ހަލަބޮލި ދިރިއުޅުމާ ދުރަށް ގޮސް، އެކަހެރި ހިމޭން ދިރިއުޅުމެއް އުޅެން ކަމަށެވެ. އަދި 21 އަހަރުގެ ޖޭމްސް ގުއޯ ބުނި ގޮތުގައި އޭނާ މިހާރު ކުރާ ފެކްޓްރީ މަސައްކަތުގައި ދުވާލަކު 13 ގަޑިއިރު މަސައްކަތް ކުރަންޖެހުމުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށެވެ. ޗައިނާގެ ގިނަ މަސައްކަތްތެރިން އަންނަނީ ހެނދުނު 9 އިން ރޭގަނޑު 9 އަށް، ހަފްތާގެ 6 ދުވަހު މަސައްކަތް ކުރަންޖެހޭ "996″ ކަލްޗަރާ މެދު ޝަކުވާ ކުރަމުންނެވެ.

ދަނޑުގެ މަސައްކަތާއި އުޖޫރަ

ޗުއޯ ހޯދަން ބޭނުންވީ 20،000 އޭކަރުގެ ބޮޑު ސަރަހައްދެއްގައި 3،000 ބަކަރި ހުއިހައްޕާނެ 2 މީހުންނެވެ. މި މަސައްކަތް ކުރާ މީހުންނަށް މަހަކު ގާތްގަނޑަކަށް މުސާރައަށް (16,000 އަށްވުރެ ގިނަ ދިވެހި ރުފިޔާ) ލިބެއެވެ. މިއީ ޗައިނާގެ އަމިއްލަ ކުންފުނިތަކުގެ އެވްރެޖް އުޖޫރައަށްވުރެ މަތީ އަދަދެކެވެ. މީގެ އިތުރުން ކެއުމާއި ހުރުން ވެސް ހިލޭ ލިބެއެވެ.

އެންމެ ފަހުން ޗުއޯ ވަނީ ހަތަރު މީހަކު ވަޒީފާއަށް ނަގާފައެވެ. އެއީ ކުރިންވެސް ދަނޑުވެރިކަމުގެ ތަޖުރިބާ ހުރި ދެ ދެމަފިރިންނެވެ. އޭނާ ބުނި ގޮތުގައި ސިޓީތަކުގައި އުޅޭ ޒުވާނުންނަށް މިފަދަ އެކަހެރި ތަނެއްގައި، މީހަކު ފެނުމެއް ނެތި ގިނަ ދުވަސްތަކަކު އުޅުމަކީ ކެތްކުރަން ދަތިވާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!