އީރާންގެ އުދުވާން: އެމެރިކާގެ ހަތިޔާރު ގުދަން އަލުން ސްޓޮކް ކުރަން 3 އަހަރު ބޭނުންވާނެ

އީރާނަށް ދިން އުދުވާނީ ހަމަލަތަކުގައި ސޮލީބީން ބޭނުންކުރި މުހިންމު ތިން ބާވަތެއްގެ ހަތިޔާރުގެ ރިޒާވް އަލުން ފުރިހަމަކުރުމަށް މަދުވެގެން ތިން އަހަރު ދުވަސް ނަގާނެ ކަމަށް ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން ނެރުނު ދިރާސާއަކުން ދައްކައިފިއެވެ. މިކަމުގެ ސަބަބުން ހުޅަނގު ޕެސިފިކް ސަރަހައްދުގައި ޗައިނާއާއެކު ކުރިމަތިލުމެއް ހިނގައިފިނަމަ، އެމެރިކާގެ އަސްކަރީ ތައްޔާރީތަކާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަތިޔާރު ގުދަނުން ހުސްވެފައިވާ މުހިންމު ހަތިޔާރުތަކުގެ ތެރޭގައި ދުރު ރާސްތާގެ "ޓޮމަހޯކް" ކްރޫޒް މިސައިލާއި، "ޕެޓްރިއޮޓް" އަދި "ތާޑް" ވައިގެ ދިފާއީ ނިޒާމުތަކުގެ މިސައިލްތައް ހިމެނެއެވެ. ސީއެސްއައިއެސް އިން ބުނި ގޮތުގައި އީރާން އުދުވާންގައި ބޭނުންވާ މިންވަރަށް ހަތިޔާރު ހުރި ނަމަވެސް، މިހާރު ހުރި ރިޒާވް މަދުވުމުގެ ސަބަބުން ޗައިނާއާ ދެކޮޅަށް ކުރިމަތިލުމެއް ހިނގައިފިނަމަ އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

ޗައިނާއިން 2027 ވަނަ އަހަރާ ހަމައަށް ތައިވާން ހިފުމުގެ އަސްކަރީ ގާބިލްކަން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކަށް އުފެއްދުންތެރިކަން އަވަސްކުރުމަށް ބާރުއަޅުއްވާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2027 ވަނަ އަހަރަށް 1.5 ޓްރިލިއަން ޑޮލަރުގެ ރެކޯޑް ދިފާއީ ބަޖެޓެއް ހުށަހަޅާފައިވަނީ މި އުނިކަން ފޫބެއްދުމަށެވެ. ލޮކްހީޑް މާޓިން ފަދަ ކުންފުނިތަކުން ދަނީ 2030 ވަނަ އަހަރާ ހަމައަށް 9 ބިލިއަން ޑޮލަރު އިންވެސްޓްކޮށް، އުފެއްދުންތެރިކަން ދެގުނަ ނުވަތަ ތިންގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކުރީގެ އަސްކަރީ އޮފިސަރު މާކް ކެންސިއަން ވިދާޅުވި ގޮތުގައި، މި މައްސަލަ ދިމާވީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު، ކުރިއަށް އޮތް ހަނގުރާމަތަކަކީ ކުރު އަދި މަދު ހަތިޔާރު ބޭނުންވާނެ ހަނގުރާމަތަކެއް ކަމަށް އެމެރިކާއިން ބެލުމުގެ ސަބަބުންނެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާއި އީރާނުގެ ކުރިމަތިލުންތަކުން ދައްކައިދިނީ ޒަމާނީ ހަނގުރާމަތަކަކީ ދިގުދެމިގެންދާ އަދި ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންވާ ކަންކަން ކަމަށެވެ.

އީރާނާ ދެކޮޅަށް 1,000 އަށްވުރެ ގިނަ ޓޮމަހޯކް މިސައިލް ބޭނުންކޮށްފައިވާއިރު، އެ ރިޒާވް އިއާދަކުރަން 2030 ވަނަ އަހަރުގެ ނިޔަލަށް ވަގުތު ނަގާނެ ކަމަށް ލަފާކުރެވެއެވެ. އަދި "ތާޑް" ނިޒާމުގެ 290 މިސައިލާއި "ޕެޓްރިއޮޓް" ނިޒާމުގެ 1,000 މިސައިލް އިއާދަކުރުމަށް 2029 ވަނަ އަހަރުގެ މެދާ ހަމައަށް ވަގުތު ބޭނުންވާނެއެވެ. މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ކޮމްޕްލެކްސް ސަޕްލައި ޗެއިންތަކަށް ނަގާ ވަގުތު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!